ޒަހީނުއްދީން ސަޢީދު   26 މާރިޗު 2025 - 23:43
ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ 24 ޙާފިޡުންނަށް މިރޭ ސަނަދު ދީފިއެވެ.

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ދަސްވެނިވި ޙާފިޡުންނަށް ޙާފިޡުކަމުގެ ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 24 ޙާފިޡުންނަށް ދަސްވެނިވިކަމުގެ ސަނަދު ހަވާލު ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި 1،000 ކުދިން ހާފިޒުންނަށް ހެދުން ކަމަށެވެ. ޝަހީމް ވިދާޅުވީ މިރޭ ހާފިޒުންނަށް ހަވާލުކުރި ޚާއްސަ ގައުނަކީ އެ ކަމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ގައުނެއް ކަމަށެވެ.

މިހާތަނަށް 250 ކުދިންނަށް ހާފިޒުކަމުގެ ސަނަދު މިނިސްޓްރީން ދީފައިވެއެވެ. އަދި އިތުރު 630 ދަރިވަރުން މިހާރު ވެސް ކިޔަވަމުންދާކަން މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މީގެ ކުރިން ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ސަނަދު ދެމުން އައީ ގުރުއާން މުބާރާތުގެ ގައުމީ ނަތީޖާ ފާޅުކުރާ ޖަލްސާގައި ތެރެއިންނެވެެ. އެހެން ނަމަވެސް މިއަހަރުން ފެށިގެން ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ސަނަދު ދިނުމަށް ކޮންމެ ރަމަޟާން މަހެއްގެ 27 ވިލޭރޭ ވަކި ޚާއްސަ ޖަލްސާއެއް ބާއްވާ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ސަރުކާރުން މިހާރު ވަނީ ޙާފިޡުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރަން ނިންމާފައެވެ. އަދި ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫޢެއްވެސް ސަރުކާރުން ވަނީ ފަށާފައެވެ. އަދި ކޮންމެ ދަރަޖައެއްގައި ޙާފިޡަކު ފާސްވި ނަމަވެސް، ރައީސްގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ޚާއްޞަ ސަމާލުކަމުގެ ސަބަބުން، ކީރިތި ޤުރްއާން އުނގަންނައި ދިނުމުގެ އަމަލީ މަސައްކަތް ވަނީ ކުރިއަށް ވުރެ ފުޅާވެގެންގޮސްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރްއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަ ގެންދެއެވެ. އަދި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނެސްފައެވެ. ހަމައެއާއެކު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ކީރިތި ޤުރްއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައިވެސް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން