ޒަހީނުއްދީން ސަޢީދު   30 މާރިޗު 2025 - 13:32
ފިޠުރު ޢީދުގެ މުނާސަބަތުގައި، ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ބައްދަލުކުރައްވައި، ޢީދު ސަލާން ކުރައްވައިފިއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 09:00 އިން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައެވެ.

މުލީއާގޭގައި ބޭއްވެވި ޢީދު ސަލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

މިބޭފުޅުންގެ އިތުރުން، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޢާއިލާތައް ޢީދު ސަލާން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވިއެވެ.

ޢީދު ދުވަހާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އިންތިޒާމްކޮށްގެން ސަލްޓަން ޕާކު، ޖުމްހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަހައްދުގައި މިއަދު ހަވީރު ކުރިއަށްގެންދާ ޢީދު ހަވީރުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން