މިއަދު ފާހަގަކުރަމުންދާ ފިތުރު ޢީދާއި ގުޅިގެން މާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ދިވެހި ޤައުމީ ދިފާޢީ ބާރުން އިންތިޒާމްކުރި މި ހަވީރު، ބާއްވައިފައިވަނީ ޢާންމުންނަށް ހުޅުވާލައިގެން، ސަލްޓަންޕާކާއި، ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައެވެ. އެ ސަރަހައްދުތަކުގައި ކުޑަކުދިންނަށް ގޭމުތައް ކުޅުމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުފަހަރުތަކަށް އަރައި ބެލުމަށާއި، އެ އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ވަނީ ދީފައެވެ. އެމްއެންޑީއެފުން ފުލުހުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވެސް ގުޅިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އެ ކުންފުނިތަކުން ވެސް އެ ސަރަހައްދުތަކުގައި ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.



ޢީދު ހަވީރު "1446" ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިޤުބާލުގައި ވަނީ ސަންގު ފުމެފައެވެ. އެއަށްފަހު ރައީސް އާއި އެމަނިކުފާނުގެ ޢާއިލާއިން ވަނީ، އެކި ކުންފުނިތަކުން އިސްނަގައިގެން ތައްޔާރުކުރައްވާފައިވާ ސްޓޯލްތައް ބައްލަވާލައްވާފައެވެ.

އެއަށްފަހު ޢިއްޒުއްދީން ފާލަމުގެ ކުރިމަތީގައި، ޢީދު ހަވީރަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި، އެ ހަވީރަށް ޒިޔާރަތްކުރި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއެކު ރައީސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ފިތުރު ޢީދާއި ގުޅިގެން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޢީދު ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބައެެއް ރަށްރަށުގައި މިއަދާއި މިރޭ ވެސް ސަގާފީ ކުޅިވަރުތަކާއި ސްޓޭޖް ޝޯތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން