މަރްޔަމް ނަހްދާ ވަޙީދު   31 މާރިޗު 2025 - 3:42
ތުނބުޅީގައި ހަންފޮޅުމުން ތުނބުޅި ހިރުވާނެ، ފޮޓޯ: ގޫގުލް
ތުނބުޅީގައި ހަންފޮޅުމުން ތުނބުޅި ހިރުވާނެ، ފޮޓޯ: ގޫގުލް
ގިނަ ފިރިހެންވެރިން ދެކޭ ގޮތުގައި ތުނބުޅި ދިގު ކުރުމަކީ ފެޝަނެކެވެ. އަދި އެއީ އެމީހުންގެ ޝަހްސިއްޔަތުގެ ބައެކެވެ. މިސަބަބާހުރެ ވަރަށް ގިނަ މީހުން ތުނބުޅި ދިގު ކުރެއެވެ. އެހެންނަމަވެސް ތުނބުޅި ދިގުކޮށް ބެހެއްޓުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ހަމަ ބޮލުގެ އިސްތަށީގައި ހަންފޮޅޭ ފަދައިން ތުނބުޅީގައިވެސް ހަންފޮޅުމަކީ އެކަށީގެންވާ ކަމެކެވެ.

އާންމު ގޮތެއްގައި ތުނބުޅީގައި ހަންފޮޅެނީ ހަމުގެ މައްސަލަތަކުގެ ސަބަބުންނާއި، ތުނބުޅި ރަނގަޅަށް ސާފުނުކުރުމުގެ ސަބަބުންނެވެ. މިގޮތަށް ތުނބުޅީގައި ހަންފޮޅުމަކީ ބަލަން ތިބޭ މީހުންގެ ލޮލުގައި ވަރަށް ފަސޭހައިން އަޅައިގަންނާނެ ކަމެކެވެ. އެހެންވެ، މިފަހަރު މި ހިމަނާލަނީ ތުނބުޅީގައި ހަންފޮޅުން ހުއްޓުވުމަށް ކުރަންވީ ބައެއް ކަންކަމެވެ.

ދޮވުން

ތުނބުޅީގައި ހަންފޮޅުން ހުއްޓުވަން ބޭނުންވާނަމަ ތުނބުޅި ގަވާއިދުން ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ތުނބުޅި ދޮންނައިރު އެކަމަށް ހާއްސަ ޝޭމްޕޫ ބޭނުން ކުރުމަކީވެސް މުހިންމު ކަމެކެވެ. މިފަދަ ޝޭމްޕޫތަކުގައި ހަންފޮޅުން ހުއްޓުވައިދޭފަދަ މާއްދާތައް އެކުލެވެއެވެ. އެހެންވެ، މި ބޭނުން ކުރުމުން ތުނބުޅީގައި ހަންފޮޅުން ހުއްޓެއެވެ.

ކޮންޑިޝަން ކުރުން

ތުނބުޅީގައި ހަންފޮޅުން ހުއްޓުވުމަށް ދެން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ތުނބުޅި ރަނގަޅަށް ކޮންޑިޝަން ކުރުމެވެ. ތުނބުޅި ކޮންޑިޝަން ކުރުމުން ތުނބުޅި އަދި ހަންގަނޑު ހިކުމުން ރައްކާތެރިވެއެވެ. މިކަމަށްޓަކައި ތެޔޮ ނުވަތަ މިކަމަށް ހާއްސަ ކުރެވިފައިވާ ބާމުފަދަ އެއްޗެހި ބޭނުން ކުރެވިދާނެއެވެ.

މީގެ އިތުރުން ކެއުމުގައި ވިޓަމިން ބީ ހިމެނޭ ބާވަތްތައް ހިމެނުމާއި، ސްޓްރެސް ކުޑަ ކުރުމަކީވެސް މި މައްސަލަ ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމެވެ. އަދި މިކަންކަމުންވެސް މައްސަލަ ހައްލު ނުކުރެވޭނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން