އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު، ފޮޓޯ: ސޯޝަލް މީޑިއާ
އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު، ފޮޓޯ: ސޯޝަލް މީޑިއާ
އައްޑޫ ސިޓީގެ ރައްޔިތުންނަށް ރަމަޟާން މަހުގެ ބިލުން 50 އިންސައްތަ ޑިސްކައުންޓު ދޭން ޖެހޭ ކަމަށް އެ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ވިދާޅުވެއްޖެއެވެ.

ޝުއާއު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އޭނާ ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަސް ނިމިގެން ދިޔައީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް އެއްވެސް ހައްލެއް ނުލިބި ކަމަށެވެ.

"ކޮންމެ ދުވަހަކުހެން ކަރަންޓު ކެނޑި އާއިލާތަކުގެ ދިރިއުޅުމަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވޭ." ޝުއާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު އެޕްރިލް މަހު 9 ވަނަ ދުވަހު ކުޅުދުއްްފުށި ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުނު މައްސަލައިގައި، ސަރުކާރުން އެ ސިޓީގެ ރައްޔަތުންނަށް ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓު ދީފައިވާ ކަމަށެވެ.

އަދި އައްޑޫ ސިޓީގެ ރައްޔިތުން މި ދަތިތައް ތަހައްމަލު ކުރަމުންދާތާ މާގިނަ ދުވަސް ވެފައިވާކަން ފާހަގަ ކުރައްވަމުން ޝުއާއު ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް ލުޔެއް ދިނުމަށް ސަރުކާރުންވެސް އަދި ފެނަކަ ކޯޕަރޭޝަނުންވެސް އެއްވެސް ކަހަލަ އިޝާރަތެއް ކޮށްފައި ނުވާ ކަމަށެވެ.

އެހެންވެ، ކުޅުދުއްްފުށީ ސިޓީގެ ރައްޔިތުންނަށް ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވި އުސޫލުން، އައްޑޫ ސިޓީ ރައްޔިތުންނަށްވެސް ހަމަހަމަކޮށް ރަމަޟާން މަހުގެ ބިލުން 50 އިންސައްތަ ޑިސްކައުންޓު ދިނުމަށް ޝުއާއު ވަނީ ގޮވާލައްވާފައެވެ.

އަދި މިއީ އެންމެ އިންސާފުވެރި ހަމަހަމަ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލަ އަކީ ޒަމާންތަކެއް ވަންދެން އެރަށު ރައްޔިތުން ތަހައްމަލު ކުރަމުން އައިސްފައިވާ މައްސަލައެކެވެ. ނަމަވެސް މި މައްސަލަ ފާއިތުވި ރަމަޟާން މަހު އިތުރަށް ބޮޑު ވެފައިވާއިރު، އެތައް ދުވަހަކު އެ ސިޓީގެ ރައްޔިތުން ރޯދަ ވީއްލަންވެސް ޖެހުނީ ކަނު އަނދިރީގައެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފެނަކައިން ބުނަމުންދަނީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާ ދުވަސް ވީއިރުވެސް، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދިފައެއް ނުވެއެވެ. އެހެންވެ އެރަށު ރައްޔިތުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން