ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ
އިތުރަށް ފައިސާ ޗާޕުކޮށްފިނަމަ ޑޮލަރު ހުއްޓޭނީ 25 ރުފިޔާ އާއި 30 ރުފިޔާއާ ދޭތެރޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ޣަފޫރު މިހެން ވިދާޅުވީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ޝަމްހީދު މަޖިލީހަށް މިއަދު ހުށައެޅުއްވި ގަރާރުގެ ބަހުސްގައެވެ.

އެގޮތުން ޣަފޫރު ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ބާޒާރަށް ނެރެފި ނަމަ ޑޮލަރުގެ ރޭޓު އިތުރަށް އުފުލި މަރުކަޒީ ބޭންކަށް އޮތް އިތުބާރު ވެސް އެއްކޮށް ގެއްލޭނެކަމަށެވެ.

“ފައިސާ ޗާޕު ކުރީމާ ސެންޓްރަލް ބޭންކާ ދޭތެރޭ ރައްޔިތުންނަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެންދާނެ. މިއަދު 19 ރުފިޔާއިން މަތީގައި ޑޮލަރުގެ އަގު ހުރިއިރު، މި ފައިސާ ޗާޕުކޮށްގެން ބާޒާރަށް ނެރެފި ނަމަ ޑޮލަރު ގޮސް ހުއްޓޭނީ 25 ރުފިޔާ އާއި 30 ރުފިޔާއާ ދޭތެރޭގައި." ޣަފޫރު މިއަދު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވިދާޅުވެފައިވަނީ އެމްއެމްއޭއިން ފައިސާ ޗާޕްކުރަނީ ހުޅުމާލެއިން ބިން ގަތުން ނިވާފަތްގަނޑަކަށް ހަދައިގެން ކަމަށެވެ. އަދި މިއީ އިގްތިސާދުގެ ހަމަޖެހުން ނަގާލައި އިގްތިސާދަށް އިއާދަ ނުކުރެވޭ ދާއިމީ ގެއްލުމެއް ދޭނެ ޣައިރު ޒިންމާދާރު އަމަލެއް ކަމަށް އެމްޑީޕީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

އެމްއެމްއޭއިން ހުޅުމާލެއިން ބިންގަތުމަށް މަސައްކަތް ކުރަމުންދާއިރު ހުޅުމާލެއިން ބިން ގަތުމައިގެން ކުރިއަށް ނުދާން އެމްއެމްއޭ އާއި ސަރުކާރަށް އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި މިކަން ނުކުރެވޭ ނަމަ އެމްއެމްއޭގެ ބޯޑު މެންބަރުން އިސްތިއުފާ ދިނުމަށް ވެސް އެމްޑީޕީން ގޮވާލާފައިވެއެވެ.

އެމްޑީޕީން އެގޮތަށް ގޮވާލިފަހުން އެމްއެމްއޭގެ ބޯޑުގެ 3 މެންބަރަކު އިސްތިއުފާ ދެއްވާފައިވެއެވެ.

އެމްއެމްއޭއިން ހުޅުމާލެއިން ބިންގަންނަން އުޅޭ މައްސަލާގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް މީގެކުރިން ވިދާޅުވެފައިވަނީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަކީ ފައިސާ ޗާޕުކުރުން ކަމަށެވެ.

މީގެކުރިން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ފައިސާ ޗާޕުކުރުމަކީ ޝޯޓްކަޓެއް ކަމަށާއި އެއީ އިހްލާސްތެރި މަގު ނޫން ކަމަށްވެސް ރައީސް މުޢިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން