ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ)
ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ)
ސަރުކާރުގެ މާލީ ޕްލޭން ފެއިލްވެފައިވާ ކަމަށާއި، އިތުރަށް ފައިސާ ޗާޕް ކޮށްފިނަމަ އިގްތިސާދު ފުނޑުފުނޑުވާނެ ކަމަށް ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

ކުޑޫ މިހެން ވިދާޅުވީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ޝަމްހީދު މަޖިލީހަށް މިއަދު ހުށައެޅުއްވި ގަރާރުގެ ބަހުސްގައެވެ.

މިއަދުގެ ބަހުސްގައި ކުޑޫ ވިދާޅުވީ އެމްއެމްއޭއިން ފައިސާ ޗާޕު ކުރާ ހިސާބަށް ކަންތައްތައް ދިޔައީ ސަރުކާރުގެ މާލީ ޕްލޭން ފެއިލްވެގެން ކަމަށެވެ. އަދި ހުޅުމާލެއިން ބިން ގަތުމަށް ފައިސާ ޗާޕު ކުރުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށްވެސް ކުޑޫ ވިދާޅުވިއެވެ.

“މާލީ އިދާރާތަކުން ފައިސާ ހޯދަނީ މާލީ މުދަލާއި މުއާމަލާތްތަކުން. ފައިސާ ޗާޕުކޮށްގެން އެމްއެމްއޭއަށް މުދާ ގަތުމަކީ ގާނޫނާ ހިލާފު ކަމެއް. މި ހާލަތަށް މިކަން މި ދިޔައީ ސަރުކާރުގެ ފައިނޭންޝަލް ޕްލޭން ފައިލްވެގެން. މިއަދުގެ ޖަލްސާގައި ކުޑޫ ވިދާޅުވިއެވެ.

އޭގެ އިތުރުން ކުޑޫ ވިދާޅުވީ އެމްއެމްއޭއިން ފައިސާ ޗާޕް ކުރުމުގެ އާޚިރު ނަތީޖާއަކަށް ވާނީ ދިވެހި ރުފިޔާގެ އަގު ދަށްވެ، ޑޮލަރުގެ އަގު މައްޗަށް ދިއުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވާނެ ކަމަށާއި އިގްތިސާދީ ހަމަޖެހުން ގެއްލި އިގްތިސާދު ފުނޑުފުނޑުވާނެ ކަމަށްވެސް ކުޑޫ ވިދާޅުވިއެވެ.

ކުޑޫ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ މެންބަރުން މަޖިލީހުގައި މިއަދު ވިދާޅުވީ ސަރުކާރުން ސިޔާސީ ކުޅިއަކަށް އެމްއެމްއޭ ހެދުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

އެމްއެމްއޭއިން ހުޅުމާލެއިން ބިންގަންނަން އުޅޭ މައްސަލާގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް މީގެކުރިން ވިދާޅުވެފައިވަނީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަކީ ފައިސާ ޗާޕުކުރުން ކަމަށެވެ.

މީގެކުރިން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ފައިސާ ޗާޕުކުރުމަކީ ޝޯޓްކަޓެއް ކަމަށާއި އެއީ އިހްލާސްތެރި މަގު ނޫން ކަމަށެވެ. އަދި މިސަރުކާރުން ފައިސާ ޗާޕް ނުކުރާނެ ކަމަށްވެސް ރައީސް މުޢިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން