ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ފައިސާ ޗާޕް ނުކޮށް އެމްއެމްއޭއަށް ބިން ގަނެވޭނެ ގޮތެއް ނެތް ކަމަށާއި އެމްއެމްއޭގެ ބެލެންސް ޝީޓްގައި 3 ބިލިއަން ރުފިޔާ ހަމަނުވާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޭނާ ހުށައެޅުއްވި ޤަރާރުގެ ބަހުސްގައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ވަނީ އެމްއެމްއޭއިން ފައިސާ ޗާޕު ކުރުމުން ދައުލަތާއި ރައްޔިތުންގެ މާލީ ކަންކަން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ފައިސާ ޗާޕު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ހޯދުމަށް ޝަމްހީދުގެ ގަރާރުގައި ގޮވާލައްވާފައި ވެއެވެ.

މި ގަރާރުގެ ބަހުސްގައި ޝަމްހީދު ވިދާޅުވީ އެމްއެމްއޭ އިން ބިން ގަންނަނީ ފައިސާ ޗާޕް ނުކޮށްކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވީ ނަމަވެސް އެއީ ޙަޤީޤަތް ނޫން ކަމަށެވެ. އެގޮތުން އެމްއެމްއޭގެ ބެލެންސް ޝީޓުގައި ތިން ބިލިއަން ރުފިޔާ ހަމަނުވާއިރު، 15 ބިލިއަން ރުފިޔާ ދެއްކޭނެ ހަމައެކަނި ގޮތަކީ އިތުރަށް ބޭނުންވާ ފައިސާ ޗާޕު ކުރުން ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

“މިއީ އެމްއެމްއޭގެ ބެލެންސް ޝީޓަށް އެންޓަރ ކުރާ އެންޓްރީއެއް. އެސެޓުގެ ގޮތުގައި މި އެޑް ކުރަނީ 15 ބިލިއަން. އެހެން ވެއްޖެއްޔާ އެމްއެމްއޭގެ ތެރެއިން އެޗްޑީސީއަށް ޓްރާންސްފާ ކޮށްގެން މަނިޓަރީ ތެރެއަށް މި ސަޕްލައި ކުރަނީ. އެއީ މިކަން ކުރަން އުޅޭ ގޮތަކީ.” ޝަމްހީދު މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު ޝަމްހީދު ވިދާޅުވީ އެ ޢަދަދަށް އެމްއެމްއޭގެ ބޭނުމަށް ފައިސާ ޗާޕު ކުރެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށާއި މިހާރު ޤާނޫނު އޮތްގޮތުން ފައިސާ ޗާޕުކުރެވޭނެ އެންމެ މަތީ ޢަދަދަކީ 2.5 އިންސައްތަ ކަމަށެވެ. އެހެންކަމުން އެއީ 800 ނުވަތަ 900 މިލިއަން ރުފިޔާ ކަމަށްވެސް ޝަމްހީދު މިއަދު ވިދާޅުވެފައިވެއެވެ.

“އަޅުގަނޑުމެން މިދެނީ ގަވަރުނަރަށް ހިތުހުރި ގޮތަކަށް ޕްރިންޓްކުރަން. އަޅުގަނޑަކަށް ހީއެއް ނުވޭ ގާނޫނުގައި މި ބުނާ މާއްދާގެ ބޭނުމެއް ދެން އޮތްހެނެއް.” ޝަމްހީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ޝަމްހީދު ވިދާޅުވީ ސަރުކާރުގެ ކޭޝް ފްލޯ މެނޭޖްކުރަން ފައިސާ ބޭނުންވާނަމަ އެންމެ ރަނގަޅު ގޮތަކީ ފައިސާ ޗާޕް ކުރެވޭ އަދަދު މަޖިލީހުން ފާސްކުރުން ކަމަށާއި އެނޫން ގޮތަކަށް އެކަން ކޮށްފިނަމަ އިންވެސްޓަރުންގެ އިތުބާރުގެއްލި އެމްއެމްއޭ ވެގެންދާނީ ބޮޑު ޖޯކަކަށް ކަމަށެވެ.

ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ މެންބަރުން ވިދާޅުވެފައިވަނީ ސަރުކާރުން ފައިސާ ޗާޕްކުރަން ނޫޅޭ ކަމަށާއި އެމްޑީޕީން މިހާރު ދައްކަމުންދަނީ އަސްލެއްނެތް ވާހަކަތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން