ދުވަސްވެ ވީރާނާވެފައިވާ އީކުއޭޓަރ ވިލެޖާއި ގުޅިގެން އައްޑޫ ސިޓީ ގަން އެއަރޕޯޓް މަޝްރޫއު ހުއްޓިއްޖެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓުމާއި ގުޅިގެން އައްޑޫގެ މޭޔަރު ހިމެނޭ ގޮތަށް ގިނަ ރައްޔިތުން ދަނީ މީސް މީޑިޔާގައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މީސް މީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި މޭޔަރު ނިޒާރު ވިދާޅުވީ މި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގުތަށް ހެދުމަށް ހުރަސް އެޅިފައިވަނީ 80 އަހަރު ވެފައިވާ އިމާރާތެއް ނަގައި އެބިން ކޮންޓްރެކްޓަރާއި ހަވާލުކުރުމަށް ސަރުކާރަށް ނުކުޅެދިގެން ކަމަށެވެ.

ނިޒާރު ވިދާޅުވީ މިކަމުގެ ސަބަބުން ވެސް ސަރުކާރަށް ކަންކުރަން ނޭނގޭކަން ހާމަވާ ކަމަށެވެ. އަދި މިކަމަކީ އައްޑޫގެ ތަރައްގީގެ މަސައްކަތަށް ސަރުކާރުން ސަމާލުކަން ނުދެވޭކަން ސާފުކޮށް ފެންނަން އޮތްކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”އެ އިމާރާތާއި ގުޅިގެން މަގުހެދުން ހުއްޓާލަން ނިންމުމަކީ ކުރެވިގެންވާނެ ކަމެއްނޫން. އަދި މިކަމަށް ހައްލު ހޯދުމަށް ސަރުކާރުން އަވަސް މަސައްކަތް ތަކެއް ފެށުމަށް ގޮވާލަން.“ ނިޒާރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

އެތައް އަހަރެއް ފަހުން އައްޑޫގައި ފެށި މި މަޝްރޫއަކީ އިންޑިއަން އެކްސިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 30 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއަކީ ކުރިއަށް އޮތް ތަނުގައި ދެކުނު ސަރަހައްދުގެ ފަތުރުވެރިކަމަށް އެހީތެރިވުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެސޯސިއޭޓެޑް ރޯޑް ޕްރޮޖެކްޓްގެ މަގުސަދަކީ 2000 އަށްވުރެ ގިނަ އެނދު ހިމެނޭ ހަންކެޑޭ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އަދި 4000 އަށްވުރެ ގިނަ އެނދު ހިމެނޭ އައްޑޫ ޓޫރިޒަމް ޒޯނާއެކު ގުޅިފައިވާ ރައްތަކަށް (ފޭދޫ އިން ހިތަދޫއަށް) ސީމްލޭސް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއެއްކަން ފާހަގަ ކުރެވެއެވެ.

ހައެއް އޭޕްރީލް 2025 ގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ސިޓީ ކައުންސިލާ ވެސް މަޝްވަރާ ނުކޮށް މަގު މަޝްރޫއުގެ ބައެއް ހުއްޓާލުމަށް އަންގާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ހުއްޓިފައިވާ މަގުގެ ދެކޮޅުން ވެސް ވަނީ އިމާރާތާއި ހިސާބަށް ހަދާފައެވެ. އަދި މި އިމާރާތަކީ ދުވަސްވެ ވީރާނާވެފައިވާ އީކުއޭޓަރ ވިލެޖުން ސްޓާފް އެކޮމޮޑޭޝަންގެ ގޮތުގައި ބޭނުންކުރާ އިމާރާތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން