ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަން (ސީ.އެސް.އޭ އެކްސްޕޯ)ގެ ދަށުން ޗައިނާގައި ދިވެހި އުފެއްދުންތައް އިސްތިހާރު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސީ.އެސް.އޭ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިހާރު ވަނީ ހުޅުވާލާފައެވެ. އެ މިނިސްޓްރީން ބުނީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި މިއަހަރުގެ ޖޫން މަހު ނުވަ ވަނަ ދުވަހު ބާއްވާ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި، އެހެން އަހަރުތަކެކޭ އެއްގޮތަށް، ދިވެހި އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ޗައިނާއަށް ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ދިވެހި ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވިފައިވާކަން ޗައިނާ ސަރުކާރުގެ ފަރާތުން އަންގާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން މި އެކްސްޕޮޒިޝަންގައި ބައިވެރިވުމަށް ދައުވަތު ދީފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސީއެސްއޭ އެކްސްޕޯ އަކީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ވިޔަފާރިތަކާއި އަދި އާންމު ފަރާތްތަކުން ޒިޔާރަތްކުރާއް އެކްސްޕޯއެކެވެ. މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރިގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކިއެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުސަތަކީ ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖެއަށް ބޫތު ލިބޭ މިންވަރަށް ބަލައި، ނުވަ ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސައިދެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން