ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައިވާ އައްޑޫގެ ލިންކުރޯޑު ހަދަން ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެެވެ.

އެ މަގު ޒަމާނީ ފެންވަރަށް އަލުން ހަދަންް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިއަދު އެެވެ. އެކަމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރެވެ.

މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އައްޑޫ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިތެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ލިންކް ރޯޑުގެ މަސައްކަތުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ ކަމަށެވެ. އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަސައްކަތުގެ ދަށުން ކުރިއަށް ގެންދާނެ އެވެ. އެގޮތުން 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ އެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ލިންކު ރޯޑުގެ މަސައްކަތް 2028 ގެ ކުރިން ނިންމުން ކަމަށެވެ.

"ލިންކް ރޯޑްގެ މަސައްކަތުގެ ތެރޭގައި ހިމެނޭނެ ލިންކް ރޯޑު ފުޅާކުރުމަށްޓަކައި އަލަށް ވެލި އަޅައިގެން މީގެ ކުރިން ވެސް ކަނޑައަޅާފައިވާ ސަރަހައްދު ވެސް. މުޅިން އަލަށް 5.5 ކިލޯމީޓަރުގެ މަގު ހެދުން އޮންނާނެ." މުއްތަލިބް ވިދާޅުވި އެވެ.

ސަރުކާރުން މި މަޝްރޫއު އާރްޑީސީއާ ޙަވާލުކުރީ 3 އަހަރާއި 11 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. އަދި މަޝްރޫއުގެ އަގަކީ 829 މިލިޔަން ރުފިޔާ އެވެ.

އައްޑޫ ލިންކް ރޯޑަކީ 2003 ގައި ހުޅުވި މަގެކެވެ. އެ މަގުގައި ބޮޑެތި ވަޅުގަނޑުތައް ހެދި މަގު ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމާ ގުޅިގެން ދުއްވާ ތަކެއްޗަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން