ހައްޖުގެ އަޅުކަން އަދާ ކުރަނީ، ފޮޓޯ: ލައިވްމިންޓު
ހައްޖުގެ އަޅުކަން އަދާ ކުރަނީ، ފޮޓޯ: ލައިވްމިންޓު
ހައްޖު މޫސުމުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ސައުދީ އަރަބިއާއިން 14 ގައުމަކަށް ވަގުތީގޮތުން ވިސާ ދޫކުރުން ހުއްްޓާލައިފިއެވެ.

ސައުދީ ސަރުކާރުން ބުނެފައިވަނީ އެކި ގައުމުތަކުން ސައުދީ އަށް "ވިޒިޓް ވިސާ" ނުވަތަ އުމްރާ ވިސާގައި އަންނަ ބައެއް ފަރާތްތަކުން ވިސާ ހަމަވުމުންވެސް ގަވާއިދާ ޚިލާފަށް އެގައުމުގައި މަޑުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިގޮތަށް ނުގަވާއިދުން ގިނަ ފަހަރަށް މީހުން މަޑު ކުރަނީ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ބޭނުމުގައިކަން ފާހަގަ ކުރެވިފައިވާކަމަށް ވެސް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މި މައްސަލަ ބޮޑުވުމުގެ ސަބަބުން ސައުދީ ސަރުކާރުން ވަނީ ވިސާ ދޫކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ. ސަޢޫދީ ސަރުކާރުން މިހެން އަމަލު ކުރީ ހައްޖުގެއަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށްވެސް ރިޕޯޓުގައި ވެއެެވެ.

އެގޮތުން ވިސާ ދޫކުރުން ހުއްޓާލާފައިވާ ގައުމުތަކުގެ ތެރޭގައި އަވައްޓެރި އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް ހިމެނެއެވެ. މީގެ އިތުރުން މިސްރު، އިންޑޮނޭޝިއާ، އިރާގު، ނައިޖީރިއާ، ޖޯރޑަން، އަލްޖީރިއާ، ސޫދާން، އިތިއޯޕިއާ، ޓިއުނީޝިއާ އަދި ޔަމަން ވެސް މިލިސްޓުގައި ހިމެނެއެވެ.

މި ބަދަލުތަކުގެ ސަބަބުން މި ގައުމުތަކަށް އުމްރާ ވިސާ، އާއިލީ ވިސާ އަދި ވިޔަފާރި ވިސާ ދޫކުރުންވެސް ހުއްޓާލާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ރިޕޯޓުތަކުގައި ބުނާ ގޮތުގައި އުމްރާ ވިސާ އަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 13ގެ ނިޔަލަށް ލިބޭނެއެވެ.

މި "ބޭން" ހައްޖުގެ އަޅުކަން ނިމެންދެން ދެމިގެންދާނެ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި މި ގައުމުތަކަށް އަލުން ވިސާ ދޫކުރަން ފަށާނީ މިއަހަރު ޖޫން މަހު މެދުތެރޭގައި ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

އަދި މިއަހަރު ހައްޖު މޫސުމުގައި ނުގަވާއިދުން ހައްޖުގެ އަޅުކަން އަދާ ކުރާ އެއްވެސް މީހަކު ފެނިއްޖެ ނަމަ، އެފަރާތަކަށް 5 އަހަރުގެ މުއްދަތަށް އެގައުމަށް ނޭރޭ ގޮތަށް ހެދުމަށްވެސް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ.

ސައުދީން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައި މިވަނީ 2024 ވަނަ އަހަރު ހައްޖުގެ އަޅުކަން ކުރަމުންދިޔައިރު ޖާގައިގެ ދަތިކަމުގެ ސަބަބުންނާއި، ހޫނުގަދަ ވުމުގެ ސަބަބުން 1000 ހައްޖާޖީން ނިޔާވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ގަވާއިދާ ހިލާފަށް ހައްޖުގެ އަޅުކަން އަދާ ކުރަމުންދިޔަ ފަރާތްތައް ކަމަަށް ސައުދީ ސަރުކާރުން ހާމަ ކޮށްފައި ވެއެވެ.

އެހެންވެ މިފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ސަބަބުން ރަޖިސްޓަރ ނުކޮށް ހައްޖުގެ އަޅުކަން ކުރާ ފަރާތްތައް މަދުވާނެ ކަމަށް އެގައުމުގެ ސަރުކާރުން ދެކެއެވެ.

ސައުދީ ސަރުކާރުން މިއަހަރު ވަނީ ހައްޖާޖީންނަށް އެހީތެރިވެދިނުމަށްޓަކައި ޑިޖިޓަލް ގައިޑެއްވެސް ނެރެފައެވެ. މި ގައިޑު ނެރެފައިވަނީ 16 ބަހުރުވައަކުންނެވެ. މިއީވެސް ހައްޖުވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށް، ހައްޖުގެ އަޅުކަން ފަސޭހަކަމާއެކު އަދާކުރެވޭނެ މަގު ފަހި ކޮށްދިނުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން