ރައީސް ލިވަޕޫލްގެ އޭއެކްސްއޭ ޓްރެއިނިން ސެންޓަރުގައި، ފޮޓޯ: ރައީސް އޮފީސް
ރައީސް ލިވަޕޫލްގެ އޭއެކްސްއޭ ޓްރެއިނިން ސެންޓަރުގައި، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅަށް 150،000 އަށްވުރެ ގިނަ ރުފިޔާ ހޭދަވި ކަމަށް ރައީސް އޮފީހުން ހާމަ ކޮށްފިއެވެ.

އިނގިރޭސި ވިލާތައް ރައީސް ދަތުރު ކުރެއްވީ އެޕްރިލް 1 އިން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ލިވަޕޫލް ފުޓުބޯޅަ ކްލަބު (އެލް.އެފް.ސީ) މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިން ފެއްޓެވެމަށް ރައީސް ކުރެއްވި ދަތުރުފުޅެކެވެ.

މި ކެމްޕޭނަކީ އެލް.އެފް.ސީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

އެ ދަތުރުފުޅަށް ހިނގި ހަރަދާއި ދަތުރުގެ ތަފްސީލު ހާމަކޮށް ރައީސް އޮފީހުން މިއަދު ބުނީ، އެ އޮފީހުން މުޅި ދަތުރުފުޅަށް ހަރަދުކުރީ 153،689.92ރ. ކަމަށެވެ.

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ހިންގާ ކެމްޕޭނު ހަރަކާތް ފެށުމުގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން މި ދަތުރުފުޅިގައި ރައީސް ވަނީ ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި ދިވެހި ފުޓުބޯޅައިގައި ތަރައްގީ ކުރެވޭނެ ކަންކަމާއި، އުންމީދީ ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދެވޭނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ "ފުޓްބޯލް ފޮ ޕީސް" ގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ޔުނިވާސިޓީ ޕީސް ސެންޓަރުގައި ފުޓްބޯލް ފޮ ޕީސްއިން ހިންގާ ހަރަކާތްތަކުގެ މައުލޫމާތު ހޯއްދަވާފައެވެ.

އަދި ލިވަޕޫލްގައި ކިޔަވާ ދިވެހި ދަރިވަރުންނާވެސް ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ އެކުދިންގެ ހާލު އޮޅުންފިލުއްވައި، މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނަށް ސަރުކާރުން ފަހި ކޮށްދެއްވާ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދަރިވަރުންނާއެކު މެންދުރުގެ ފަރީއްކޮޅެއްގައިވެސް ރައީސް ބައިވެރިވެ ވަޑައިގެންފައި ވާކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ޔުނިވާސިޓީ އޮފް ލީޑްސްއަށް ޒިޔާރަތްކުރައްވައި، އެ ޔުނިވާސިޓީ އާއި ރާއްޖެއާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ ލީޑްސްގެ މޭޔަރާވެސް ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ލަންޑަންގައި ހުންނަ ނަންބަރު 9 ރޯޖްމަންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑެންޓްސް އެސޯސިއޭޝަން ޔޫކޭ އާ އަލުން ހަވާލު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން