މޯލްޑިވް ގޭސް ކުންފުނިން ގޭސް ގަތުމަށް ދުބާއީ ކުންފުންޏަކަށް ފައިސާ ޖަމާކުރިފަހުން ގޭސް ނުލިބި ފައިސާ ވެސް އަނބުރާ ހޯދޭގޮތް ނުވުމުން އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޝިފާޒް ދެއްކެވި ވާހަކައަށް ޕީއެންސީގެ ޕީޖީލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަލާޙް ރައްދުދެއްވައިފިއެވެ.

ގޭސް ގަތުމަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވަނިކޮށް އެ ގޭސް ނުލިބި ފައިސާ ވެސް އަނބުރާ ނުހޯދުމުން އެކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބަލަމުން ދަނިކޮށް، ޝިފާޒް ވަނީ ޓީވީ ޕްރޮގްރާމެއްގައި އެކަމާ ގުޅޭގޮތުން ޥާހަކަ ދައްކަވާފައެވެ.

ޝިފާޒު ވިދާޅުވީ އެވަރުގެ ބޮޑު ފައިސާގެ އަދަދެއް ގެއްލުމުން، އެ ގެއްލުނީއޭ ކިޔާފައި ބަލަންތިބެގެން ނުވާނެކަމަށެވެ. އަދި އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭނެކަމަށް ވެސް ޝިފާޒް ވަނީ ވިދާޅުވެފައެވެ.

ޝިފާޒުގެ އެ ވާހަކައާ ގުޅިގެން ފަލާޙް އެކްސްގައި ވިދާޅުވީ، ކޮންމެ ބަޔަކު ކުރިޔަސް ގޯސްކަމެއް ވާނީ ގޯސްކަމެއްކަމަށާއި ގޭސް ގަންނަން ފޮނުވި ފައިސާ ގެއްލިފައިވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ނަމަވެސް، އެއާއި ގުޅުވައި ފަލާޙް ވަނީ ޝިފާޒަށް ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ. ފަލާޙް ވަނީ އެމްޑީޕީގެ ސަރުކާރުގައި ވެންޓިލޭޓަރުތަކުން 32 މިލިއަން ރުފިޔާ "ކާލި" އިރު ގެއްލުނީއޭ ކިޔާފަ ބަލަން ތިބުން އޯކޭތޯ، ވިދާޅުވެ ސުވާލު ކުރައްވާފައެވެ. އަދި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިޖޫރި އެތައްފަހަރަކު ފަޅާލިއިރު ވެސް އޯކޭ ތޯއާއި ހަމަ އެގޮތަށް ބަދަލުގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ބަހާލިއިރު އޭރުވެސް އެބޭފުޅުންނަށް އޯކޭތޯއޭ ވިދާޅުވެ ފަލާހު ވަނީ ސުވާލު އުފައްދަވާފައެވެ.

މޯލްޑިވް ގޭސްގެ އެ މައްސަލާގައި މިހާރު އެސްޓީއޯއިން ވަނީ އެ ކުންފުންޏާ މެދު ފިޔަވަޅުތަކެއް އަޅައި، ގޭސް ގަތުމުގެ އެންމެހާ ކަންކަން އެސްޓީއޯއިން ކުރާގޮތަށް ހަމަޖައްސާފައެވެ. އަދި އެކަމުގައި އިހުމާލުވީ ފަރާތްތައް ބަލަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން