ދިވެހީންގެ ތެރޭގައި މަގުބޫލު ވެފައިވާ ޓެމޫ އީކޮމާސް ވެބްސައިޓްގެ ނަމުގައި ސްކޭމްތަކެއް ހިންގާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މި ސްކޭމްތަކުގެ ތެރޭގައި ހިމެނެނީ ސައްހަ ނޫން ވެބްސައިޓުތައް ހެދުމާއި އޮޅުވާލުމަށް ފިޝިން މެސެޖުތައް ފޮނުވުމާއި އެކި ލިންކުތައް މެދުވެރިކޮށް ޕޭމަންޓު މައުލޫމާތު ހޯދުން ފަދަ ކަންކަން ކަމަށެވެ.

އެގޮތުން، ޓެމޫ ނުވަތަ ކުރިއާ ހިދުމަތްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަނޫން މެސެޖްތަކެއް ފޮނުވަމުން ދާކަމަށާއި މި މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަރުގައި މައްސަލައެއް ހުރި ކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭ ކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތައްކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިން އީމެއިލްތަކާއި އިޝްތިހާރުތަކުގައި، ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައިގެން ކްރެޑިޓް ކާޑު މައުލޫމާތު ހޯދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި 2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް އެ ކާޑުތަކަށް ފަސޭހައިން އެކްސަސް ވެވޭކަމަށް ފުލުހުން ބުނެއެވެ. އެ ބޭނުންކުރާ މީހުން، ނޭނގި ފިޝިން ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، ސްކޭމަރުންނަށް އެ މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވޭކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން ފުލުހުންވަނީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެއް ވެސް ބުނެދީފައެވެ. އެގޮތުން، ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުމާއި ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް (ނަން ގޯސްކޮށް ނުވަތަ އަކުރެއް ނުވަތަ ނަންބަރެއް ބަދަލުކޮށްފައި ލިޔެފައި ހުރުން ނުވަތަ އާދަޔާހިލާފު ޑޮމެއިންތަކަށް) ސަމާލުވުން ހިމެނެއެވެ. އަދި "ޕާރުސަލް ލިބިފައެއް ނުވޭ" ނުވަތަ "ޑެލިވަރީ އެޑްރެސް ރަނގަޅެއް ނޫން،" ނުވަތަ "ވަގުތުން ފިޔަވަޅު އަޅަންޖެހޭ" ފަދަ އިބާރާތްތަކަށް ސަމާލުވުމާއި ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

އޭގެ އިތުރުން އުނދަގޫ ޕާސްވޯޑު ބޭނުންކުރުމާއި ޓޫފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުން އެދެވިގެންވާކަމަށްވެސް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން