ޖީމެއިލް އެޕު ބޭނުން ކުރަނީ، ފޮޓޯ: ސާޗްއިންޖީންޖާނަލް
ޖީމެއިލް އެޕު ބޭނުން ކުރަނީ، ފޮޓޯ: ސާޗްއިންޖީންޖާނަލް
ޖީމެއިލްއަށް ބޮޑު އަޕްޑޭޓެއް އަންނަން އުޅޭ ކަމަށް ގޫގުލް އިން ހާމަކޮށްފިއެވެ. ގޫގުލްގެ ޖީމެއިލް ސާވިސް ބޭނުން ކުރާ މީހުންގެ އަދަދު ތިން ބިލިއަނަށް ވުރެ މައްޗަށް އަރާފައިވާއިރު، މި އަޕްޑޭޓުގެ ސަބަބުން އެންމެނަށްވެސް އަސަރު ކުރާނެއެވެ. އަދި މި ބަދަލުތަކާ ގުޅޭ ގޮތުން ޖީމެއިލް ބޭނުން ކުރާ ފަރާތްތަކުން މުހިންމު ނިންމުންތަކެއް ނިންމަން ޖެހޭނެ ކަމަށް ގޫގުލް އިން ވަނީ ބުނެފައެވެ.

އާ އަޕްޑޭޓުގައި ހިމެނެނީ މައިގަނޑު 3 ކަމެކެވެ. އޭގެ ތެރޭގައި ހިމެނެނީ:

1- އީމެއިލް އެންކްރިޕްޝަން ހަރުދަނާކުރުން: މި އަޕްޑޭޓުގެ ދަށުން ގޫގުލްއިން އެންޑް-ޓު-އެންޑް އެންކްރިޕްޝަން ތައާރަފް ކުރުމަށް ވަނީ ނިންމާފައެވެ. މިއީ ބޭނުންކުރާ ފަރާތްތަކުގެ މެސެޖުތައް ހުރިހާ ވަގުތެއްގައިވެސް ރައްކާތެރިކޮށްދޭނެ ކަމެކެވެ.

2. އޮޓޮމެޓިކުން މެސެޖް ޑިލީޓްކުރުން: މި އަޕްޑޭޓުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ އީމެއިލްތައް ވަކި މުއްދަތެއްގެ ފަހުން އޮޓޮމެޓިކުން ޑިލީޓްކުރެވޭނެއެވެ. މިއީ ސްޓޯރޭޖް މެނޭޖްކުރުމަށާއި ޕްރައިވަސީ ރައްކާތެރިކުރުމަށް އެހީތެރިވާނެ ކަމެކެވެ.

3. އިންޓެލިޖެންޓް ރިޕްލައި ސަޖެސްޝަންސް: މި އަޕްޑޭޓާއެކު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން، ޖީމެއިލުން އީމެއިލްތަކަށް ދޭންވީ ޖަވާބުތަކުގެ ހުށަހެޅުންތައް ހުށަހަޅާނެއެވެ. މިއީ ބޭނުންކުރާ ފަރާތްތަކުގެ ވަގުތު ސަލާމަތްކޮށްދޭނެ ކަމެކެވެ.

މިއީ ވަރަށްވެސް ތަފާތު އަޕްޑޭޓުތަކެކެވެ. މިކަމުގެ ސަބަބުން ޖީމެއިލް ބޭނުން ކުރާ މީހުންނަށް ލުއިތަކެއް ލިބޭނެއެވެ. ނަމަވެސް އަޕްޑޭޓްތަކާއެކު ބޭނުންކުރާ ފަރާތްތަކުން ނިންމަންޖެހޭ ނިންމުމެއްވެސް އެބައޮތެވެ. އެއީ މި އާ ފީޗަރތައް އެކްޓިވޭޓްކުރާނީތޯ ނުވަތަ ނޫންތޯއެވެ.

ގޫގުލްއިން ބުނާ ގޮތުގައި މި ބަދަލުތަކަކީ އިޚްތިޔާރީ ކަމެކެވެ. އަދި ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ޖީމެއިލް އެކައުންޓްތައް ކުރިން ހުރި ގޮތަށް ބެހެއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ގޫގުލް އިން ވަނީ ބުނެފައެވެ.

މި ބަދަލުތަކާ ގުޅޭ ގޮތުން އެކި މީހުންގެ ހިޔާލު ތަފާތެވެ. ޕްރައިވެސީ އެކްސްޕާޓުން ދެކޭ ގޮތުގައި މިއީ ރަނގަޅު ބަދަލުތަކެކެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ޑޭޓާ ރައްކާތެރި ކުރުމަށް ފަސޭހަވެގެން ދެއެވެ. އަދި "އޮޓޮމެޓިކު ޑިލީޓު ފީޗަރު" ގެ ސަބަބުން ޑޭޓާ މަދުކުރަންވެސް ފަސޭހަވެގެން ދާކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ވަނީ މި ބަދަލުތަކަށް ފާޑުކިޔައި ކަންބޮޑުވުންތައް ފާޅު ކޮށްފައެވެ. އެފަރާތްތަކުން ބުނެފައިވަނީ އޭއައި-ޕަވަރޑް ރިޕްލައި ސަޖެސްޝަންތަކުގެ ސަބަބުން މީހާގެ ޕްރައިވެސީ ގެއްލިގެންދާނެ ކަމަށެވެ. އެހެންވެ މިކަމާ ގުޅޭ ގޮތުން ޖީމެއިލް ބޭނުންކުރާ ފަރާތްތަކުން ރަނގަޅަށް ވިސްނަން ޖެހޭ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. ގޫގުލްއިން ވަނީ މިކަންބޮޑުވުންތަކަށް ޖަވާބުދާރީ ވެފައެވެ. އެ ކުންފުނިން ބުނާ ގޮތުގައި އޭއައި ސިސްޓަމްތަކުން އީމެއިލްތައް ދިރާސާކުރަނީ ހަމައެކަނި ރިޕްލައި ސަޖެސްޝަންތައް އުފެއްދުމަށެވެ. އަދި އެއްވެސް އިންސާނަކަށް މި ޑޭޓާ ނުބެލޭނެ ކަމަށް އެ ކުންފުނިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ކުރިއަށް އޮތް ތިން މަސްތެރޭ މި އަޕްޑޭޓު ތައާރަފް ކުރެވޭނެ ކަމަށް ގޫގުލް އިން ވަނީ ބުނެފައެވެ. މި އަޕްޑޭޓު ތައާރަފް ކުރުމާއެކު ޖީމެއިލް ބޭނުން ކުރާ ފަރާތްތަކަށް އެމީހުންގެ ޖީމެއިލް ސެޓިންގްސްއިން މި އާ ފީޗަރތައް އެކްޓިވޭޓް ކުރެވޭނެއެވެ.

މިއީ ޖީމެއިލްގެ ތާރީހުގައި އައްނާނެ އެންމެ ބޮޑު ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ. ވީމާ މި ފީޗަރު ހިޔާރު ކުރާއިރު މީގެ ގެއްލުންތަކާއި ފައިދާތައް ރަނގަޅަށް ވަޒަން ކުރުމަށްފަހު ގޮތެއް ނިންމުމަކީ ރަނގަޅު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން