ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިޢުލާންކުރެވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ މާތްﷲ ގެ ރަޙުމަތްފުޅާއެކު، ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިޢުލާންކުރެވޭނެ ކަމަށެވެ. މިނިސްޓަރުގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ސްކޮލަރޝިޕްގެ ދަށުން އިސްލާމީ ޢިލްމުގެ މުހިންމު އަދި ތަފާތު ދާއިރާތަކުން މާސްޓަރ އަދި ޕީއެޗްޑީގެ ގިނަ ފުރުޞަތުތަކެއް ހުޅުވައިލެވޭނެ ކަމަށެވެ.

މީގެ އިތުރުން، މިޞްރު އަދި ސަޢުދީ އަރަބިއްޔާ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް ވެސް އިޢުލާންކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އަދި މެޑިސިންގެ ދާއިރާއިން ސުޕަރ ސްޕެޝަލިސްޓުން ރާއްޖޭގައި ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ފުރުޞަތުތަކަށް ފަންޑުކުރެވޭނީ ޒަކާތު ފަންޑުގެ "ފީ ސަބީލިﷲ" ބައިން ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. އަދި ދިވެހި ރައްޔިތުންގެ ދީލަތިކަމާއެކު ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެންދިޔަ ނަޞްރެއް ކަމުގައި ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކަށް ވެސް ޚަރަދުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ޒަކާތު ފަންޑުގެ ފަޤީރުންނާއި މިސްކީނުންގެ ބައިން ފަޤީރުންގެ ބޭސްފަރުވާއާއި، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމާއި، ބޯން މެރޯ ހެދުމާއި، ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް މިހާރު ދަނީ ހޭދަކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން