މަރްޔަމް ނަހްދާ ވަޙީދު   13 އޭޕްރީލު 2025 - 20:57
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ބޯޑެއް
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ބޯޑެއް
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ކުރުމަށް ސަރުކާރުން ކަނޑައަޅާ "ޖެނެރޭޝަނަލް ބޭން" ގައި 2007 އިން ފެށިގެން އުފައްވާ ޖީލަށް ދުންފަތް މަނާ ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

"ޖެނެރޭޝަނަލް ބޭން" އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް މީގެ ކުރިން ރައީސް ވަނީ ސޯޝަލް މީޑިއާގައި ޕޯލެއް ހުޅުވާފައެވެ. މިދިޔަ އަންގާރަ ދުވަހު އެ ޕޯލްގެ ވަގުތު ހަމަވިއިރު އެންމެ ގިނަ ބަޔަކު ތާއީދުކޮށްފައިވަނީ، 2000 އިން ފެށިގެން އުފަންވި މީހުންނަށް ސިނގިރޭޓު މަނާކުރުމަށެވެ.

އެހެންނަމަވެސް ރައްޔިތުންގެ ހިޔާލުތަކާ ޚިލާފަށް ސަރުކާރުން ނިންމާފައި ވަނީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" ތަންފީޒު ކުރުމަށެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ މިކަމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު އެވެ.

މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ގާނޫނަށް އިސްލާހު ގެނެސް، ތަޞްދީޤުކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރަން ފެށުމަށް 6 މަސްދުވަހުގެ މުއްދަތެއް ދެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ. އަދި މިއަހަރު ނޮވެމްބަރު މަހު 1 ވަނަ ދުވަހުން ފެށިގެން މި ގާނޫނު ތަންފީޒު ކުރުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޓޮބޭކޯ ސިޒޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން