އިބްރާހިމް ފަހީމް   14 އޭޕްރީލު 2025 - 23:22
ނިޔާވި އަލީ ސާމިން
ނިޔާވި އަލީ ސާމިން
އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި އަންހެން މީހާ އައިޝަތު ރިފްގާގެ ފިރިމީހާ ޢަލީ ޝާމިން މިރޭ ނިޔާވެއްޖެއެވެ.

ރަސްދޫގެ ކޮޓަރިއެއްގައި ހިނގި އެ ހާދިސާގައި ދެމަފިރިންގެ ގައިގައި އަލިފާން ރޯވެ އަންހެން މީހާގެ ހަށިގަނޑުގެ 83 އިންސައްތަ އެނދިއެވެ. އަދި އެ ރަށު ބެންކް ބްރާންޗްގައި މަސައްކަތް ކުރާ އޭނާގެ ފިރިމީހާ ޢަލީ ޝާމިންގެ ހަށިގަނޑުގެ 78 އިންސައްތަ ވަނީ އަނދާފައެވެ.

ޝާމިންގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވުމުން ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ކުޑަނަމަވެސް، ކޮންމެވެސް ވަރަކަށް ހާލަތު ރަނގަޅުވުމުން، އިތުރު ފަރުވާއަށް އޭނާ ވަނީ މީގެ ދުވަސްތަކެއްކުރިން އިންޑިއާއަށް ގެންގޮސްފައެވެ. އިންޑިއާގައި އޮޕަރޭޝަންތަކެއް ވެސް ކުރިކަމަށްވެއެވެ. ނަމަވެސް އޭނާގެ ހާލަތަށް ކުރިއެރުމެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސާމިންގެ އަންހެނުން އައިޝަތު ރިފްގާ، 31 މާރޗް ގައި ނިޔާވީ ފަރުވާ ދެމުންދަނިކޮށެވެ.

މި ހާދިސާ ހިނގި ގޮތާމެދު ގިނަބަޔަކު ސުވާލު އުފައްދަމުންދާއިރު، އެ ހާދިސާއަކީ އެ ދެމީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ސަަބަބުން ހިނގި ހާދިސާއެއްކަމަށް އަޑުފެތުރިފައިވެސް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން