ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމިޓީން ނިންމައިފިއެވެ.

މިރޭ އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާފައިވާއިރު އެގޮތަށް ނިންމާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދު އަމުރަކަށް އަޒްމިރަލްދާއާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ކޮމިޓީން އެކުލަވާލި ތަހުގީގުގެ ފަހު ރިޕޯޓްގައި ކަމަށް މައުލޫމާތުލިބިފައިވެއެވެ.

މިރިޕޯޓަށް ޖަވާބުދާރިވުމަށް ފަނޑިޔާރުންނަށް ފޮނުވުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ފަނޑިޔާރުން ވަކިކުރުމުގައި ކޮމިޝަނުން ގޮތް ނިންމާނީ، ފަނޑިޔާރުން ރިޕޯޓަށް ޖަވާބުދާރީވުމުން ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީން އަޒްމިރަލްދާގެ މައްޗަށް ކުރަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތުހުމަތެވެ.

ނަމަވެސް އަޒްމިރަލްދާ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައެވެ.

އެ މައްސަލައިގައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ފަނޑިޔާރު މަހާޒަށް ވެސް ކޮށް، ޖޭއެސްސީއަށް ހާޒިރުކޮށް ވަނީ ސުވާލުވެސް ކޮށްފައެވެ. ނަމަވެސް މަހާޒުވެސް އެ ތުހުމަތަށް އިންކާރު ކުރައްވައެވެ.

މި މައްސަލާގައި ފަނޑިޔާރު ހުސްނުއްސުޢޫދަށް ވެސް ތުހުމަތުކޮށް ސަސްޕެންޑް ކުރިއެވެ. ނަމަވެސް ސުއޫދު ވަނީ ސަސްޕެންޑް ކުރިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން