ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން އެކަމަށް ދޫކުރާ ހާއްސަ ލައިސެންސެއް ނަގަން ހެލްތު މިނިސްޓްރީން އަންގައިފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރާ ފަރާތްތަކަށް ލާޒިމުވާ އަދި އެ ގަވާއިދުގެ 17 ވަނަ މާއްދާ ގައި ބަޔާން ކޮށްފައިވާ ލައިސަންސްތައް ހޯދުމަށާއި، ގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

އެހެން ކަމުން ލިސްޓް ކުރެވިފައިވާ ހިދުމަތްތައް ލިބިގަތުމަށް (ވަންގަވް) ޕޯޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެޕްލިކޭޝަން ހުށަހެޅުމަށް ބަޔާނުގައި ވަނީ އެދިފައެވެ.

އޭގެ އިތުރުން މިހާރު ދުންފަތުގެ ވިޔަފާރި ކުރަމުންދާ ފަރާތްތަކުން ވެސް މިއަދުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ލައިސަންސް ނެގުމަށް ވަނީ އަންގާފައެވެ.

ދުންފަތުގެ ވިޔަފާރިއަށް ހުއްދަ ދޫކުރަނީ ކަނޑައެޅިފައިވާ ފީ ދެއްކުމުން ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ލައިސަންސް އާ ކުރަން އެދޭ ފަރާތްތަކުން މުއްދަތު ހަމަވުމުގެ 60 ދުވަސް ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެއެވެ.

ފަސް އަހަރު ދުވަހަށް ދޫކުރާ ހުއްދަތަކާ އަދި އެ ހުއްދަ ތަކަށް ދައްކަންޖެހޭ ފީ ގެ ތަފްސީލް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ހުއްދަތަކަށް ދައްކަންޖެހޭ ފީތައް؛

- ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކީން ވިއްކަން ދޫކުރާ ލައިސަންސް – 5000 ރުފިޔާ

- ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސް – 10,000 ރުފިޔާ

- ދުންފަތުގެ ބާވަތްތައް ރީ-އެކްސްޕޯޓްކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސް – 10,000 ރުފިޔާ

- ސްމޯކިން ރޫމް ނުވަތަ ސްމޯކިން އޭރިއާގެ ލައިސަންސް – 10,000 ރުފިޔާ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން