ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ
މިއަހަރު މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ މިހެން ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަ ކުރަށްވައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެެއްގައެވެ.

އެގޮތުން ފަހުމީ ވިދާޅުވެފައިވަނީ އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް ފަހުމީ ވަނީ އިލްތިމާސް ކުރަށްވާފައެވެ.

“މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު. އެ ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވޭ. އަދި މިއަދުގެ 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި.” ފަހުމީ ވިދާޅުވިއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއްކަން ފަހުމީ ފާހަގަ ކުރެއްވިއެވެ.

“ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަމާ!” ފަހުމީގެ މެސެޖް ނިންމަވާ ލައްވަމުން ވިދާޅުވެފައިވެއެވެ.

ފަހުމީ މިހެން ވިދާޅުވެފައިވާއިރު ސްޓެލްކޯގެ ހިސްޓްރީ ޕެޓާން ފެންނަ ގޮތުން ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމުގައި ކަރަންޓުބިލް ބޮޑުވުމުގެ ކަންބޮޑުވުމަކީ ކަސްޓަމަރުން ފާޅުކުރާ ކަންބޮޑުވުމެއް ކަމަށް ސްޓެލްކޯއިން މީގެ ކުރިން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން