ގެމަނަފުށީ ހެލްތު ސެންޓަރު
ގެމަނަފުށީ ހެލްތު ސެންޓަރު
ގއ. ގެމަނަފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ 7 މަހުގެ ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން އެ ހާދިސާ ހިނގާފައިވަނީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނެ އާއިލާއިން ބޮޑު ތުހުމަތުތަކެއް ކޮށްފިއެވެ.

ރޯގާ ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެ ފިރިހެން ކުއްޖާ މަރުވެފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ކުއްޖާގެ ބައްޕަ ހުސައިން ޝަހުބާން ބުނެފައިވަނީ އެކުއްޖާ އެންމެ ފުރަތަމަ ގެމަނަފުށީ ހޮސްޕިޓަލަށް ދެއްކީ މިމަހު 11 ވަނަ ދުވަހު ކަމަށެވެ. އޭނާ ބުނީ އެދުވަހު އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ނޭފަތުން ފެން އަންނާތީ ކަމަށެވެ. އަދި އެދުވަހު ޑޮކްޓަރަށް ދެއްކުމުން އާވި އެރުވުމަށް ލަފާ ދީފައި ފޮނުވާލީ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނި ގޮތުގައި ކުއްޖާއަށް އާވި އަރުވަމުންދިޔައީ އައިވީ ފެނުންނެވެ.

އާވި އަރުވާތާ ތިން ދުވަސްފަހުން ކުއްޖާ ކުޑަކޮށް ކެއްސަން ފެށުމުން މިދިޔަ އަންގާރަ ދުވަހު ދެވަނަ ފަހަރަށް ކުއްޖާ ޑޮކްޓަރަށް ދެއްކި ކަމަށް ޝަހުބާން ވަނީ ބުނެފައެވެ. އަދި ދެވަނަ ފަހަރަށް ދެއްކުމުން ރޯގާގެ އަސަރެއް ނެތް ކަމަށް ޑޮކްޓަރު ބުނި ކަމަށް ޝަހުބާން ބުނެފައި ވެއެވެ. އަދި އެހެންވަނީ އެލާޖީއެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ބުނެ ޓެސްޓެއް ހައްދަން ދިން ކަމަށް ޝަހުބާން ވަނީ ބުނެފައެވެ.

ޓެސްޓު ހައްދައި ޑޮކްޓަރަށް ދެއްކުމުން އައިވީ ފެނުން އާވި އެރުވުމުގެ ބަދަލުގައި ބޭހެއް އަޅައިގެން އާވި އަރުވަން ޑޮކްޓަރު ލަފާ ދިން ކަމަށް ޝަހުބާން ވަނީ ބުނެފައެވެ. އަދި ހޮސްޕިޓަލުން އާވި އަރުވައިގެން ގެއަށް އައީ އެދުވަހު މެންދުރު 11 ޖަހަނިކޮށް ކަމަށާއި، ގެއަށް އައިއިރުވެސް ދަރިފުޅު ހުރީ ވަރަށް އެކްޓިވް ކޮށް ކަމަށް ޝަހުބާން ވަނީ ބުނެފައެވެ. އަދި ހޮސްޕިޓަލުން ފޮނުވާލިއިރު، ރޭގަނޑު 8 ޖަހާއިރު އާވި އަރުވަން ދާން ބުނި ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ޝަހުބާން ބުނީ ގެއަށްގޮސް ކުއްޖާއަށް ކާންދިނީ ކިރާއި ކުދިބިސްކޯދު ޗަސްކޮށްފައި ކަމަށާއި އެއީ ކުއްޖާ އާންމުކޮށް ވެސް ކާއެއްޗެއް ކަމަށެވެ. އެހެންނަމަވެސް އާ އެއްޗަކަށް އެދުވަހު ކުއްޖާއަށް ކުޑަ ކައްޓަލަކޮޅެއް ކާން ދިން ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ ކެއި ފަހުންވެސް ކުއްޖާ އުޅުނީ އެކްޓިވްކޮށް ކަމަށާއި، އެކަންވެސް ޑޮކްޓަރާ ހިއްސާ ކުރި ކަމަށް ޝަހުބާން ވަނީ ބުނެފައެވެ.

އަދި ރޭގަނޑު 8 ހާއިރު ދެވަނަ ފަހަރަށް ނޭފަތުން އާވިއަރުވަން ގެންދިއުމަށް ތައްޔާރު ވަމުންދަނިކޮށް ކުއްޖާ ރޯން ފެށިކަމަށާއި، ކުއްޖާ ރުއިން ނުހުއްޓައިގެން އަވަހަށް ޑޮކްޓަރަށް ދައްކަން ދިޔަ ކަމަށް ޝަހުބާން ވަނީ ބުނެފައެވެ. ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު އެތަނުގައި ހުރީ ނަރުހެއް ކަމަށާއި، އޭރު ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ނަރުސް މީހާ އާވި އެރުވި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެހެންނަމަވެސް ކުއްޖާއަށް ކޮންމެވެސް އުނދަގުލެއްވާހެން ހީވާތީ ނަރުސް މީހާ ޑޮކްޓަރަށް ގުޅައިގެން ގެނައި ކަމަށް ޝަހުބާން ވަނީ ބުނެފައެވެ. ޑޮކްޓަރު ފަރުވާދެމުން ދިޔައިރު ވެސް އެއީ ދުވަހަކު ކާން ނުދޭ އެއްޗެއް ދެވުމުންވީ ގޮތެއްތޯ އަހާފައި ވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ޑޮކްޓަރު އެ ސުވާލުތަކަށް މާބޮޑު ސަމާލުކަމެއް ނުދޭކަމަށް ޝަހުބާން ވަނީ ބުނެފައެވެ.

އަދި ކުއްޖާ ބެލުމަށްފަހު ޑޮކްޓަރު ކުއްޖާގެ ދެ ނޭފަތަށް އައިވީފެެން އަޅައިގެން 4 ފަހަރެއްގެ މަތިން އަރިދަފުސް ބޭރުކުރަން މަސައްކަތް ކުރި ކަމަށް ޝަހުބާން ވަނީ ބުނެފައެވެ. މިހެން ހެދި ނަމަވެސް ކުއްޖާގެ ނޭފަތުން އަރިދަފުސް ނުފައިބާކަމަށް އޭނާ ބުނެފައި ވެއެވެ.

ޝަހުބާން ބުނީ ސިރިންޖަށް އައިވީ ފެން އަޅާފައި ކުއްޖާގެ ނޭފަތަށް ޕްރެޝަރުގައި ދުއްވާލުމުން ކުއްޖާއަށް ގޮތެއް ވިކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި ފަސްވަނަ ފަހަރަށް ޑޮކްޓަރު އެހެން ހެދިތަނާ ކުއްޖާގެ ވާއަތްފަޅީގެ ނޭފަތުން ލެއާ އެކީގައި އެ ފެންތައް ފައިބައިގެން ދިޔަ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެވަގުތު ނަރުސް މީހާ ކުއްޖާ ރަނގަޅުތޯ ސުވާލު ކުރި ކަމަށާއި، ޑޮކްޓަރު އިނގިރޭސި ބަހުން ވާހަކަ ދެއްކުމުން ބުނި އެއްޗެއް ސާފު ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭގެ ފަހުން އެއީ އެލާޖީއެއްގެ ސަބަބުން ވީކަމަކަށް ވެދާނެ ކަމަށް ބުނެ ޑޮކްޓަރު ކުއްޖާގެ ގަޔަށް އިންޖެކްޝަނެއް ޖެހި ކަމަށާއި، އޭރު ކުއްޖާގެ ގައިގައި އެއްވެސް ހަރަކާތެއް ނެތް ކަމަށް ޝަހުބާން ވަނީ ބުނެފައެވެ. އަދި އިންޖެކްޝަން ޖެހިތާ 2 މިނެޓު ހާއިރު ތެރޭ ކުއްޖާގެ ނޯށުންނާއި އަނގައިން ވަރަށް ބައިވަރު ހޮޑު ފޭބި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެހާ ހިސާބުން އަސްލު އަޅުގަނޑު ދަރިފުޅު ހިނގައްޖެ. މެޝިނުގެ ރޮނގުތައް ސީދާ ވެއްޖެ. އަޅުގަނޑު ދަރިފުޅު މަރުވެއްޖެއޭ ކިޔާ ގޮވަނިކޮށް ޑޮކްޓަރު އައިސް ކުއްޖާއަށް ސީޕީއާރު ދޭން ފެށީ. ކުއްޖާ ނޭވާލައޭ އެބަ، ދަރިފުޅު ރަނގަޅޭ އެ މީހުން ބުނީ،"

ޝަހުބާން ބުނީ އޭރު އޭނާގެ އާއިލާ މީހުން ކުއްޖާ ވިލިނގިލީ ހޮސްޕިޓަލަށް ގެންދަން ލޯންޗު ހަމަޖައްސާފައި އޮތް ކަމަށާއި، އެ ރޭ 22:00 ހާއިރު ލޯންޗަށް އެކުއްޖާ ވިލިނގިލީ ހޮސްޕިޓަލަށް ގެންދަން ފުރި ކަމަށެވެ. އަދި ކުއްޖާގެ ހާލު އެހާ ސީރިއަސްއިރު ހޮސްޕިޓަލުން އޮކްސިޖަންވެސް ނުދޭ ކަމަށާއި، އޮކްސިޖަން ދޭން ފެށީވެސް ލޯންޗަށް އަރުވާފައި ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ވިލިނގިލީ ހޮސްޕިޓަލާ ހަވާލާދީ ޝަހުބާން ބުނީ އެތަނަށް ގެންދިޔައިރުވެސް ކުއްޖާގެ ހިތް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ސީޕީއާރު ދީފައި ކުއްޖާ އެއާ އެމްބިއުލާންސްގައި މާލެއަށް ގެނެވުނީ އަނެއް ދުވަހު ހެނދުނު ހައެއް ހާއިރު ކަމަށް އޭނާ ވަނީ ބުނެފައެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުން ވެސް 45 މިނެޓު ވަންދެން ކުއްޖާއަށް ސީޕީއާރު ދިން ކަމަށް ޝަހުބާން ވަނީ ބުނެފައެވެ. އަދި ކުއްޖާ ސަލާމަތް ނުކުރެވުނުކަން އެދުވަހު 8 ޖަހަނިކޮށް ޑޮކްޓަރުން އެންގި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކުއްޖާގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި އެކުއްޖާގެ ހާލު ގޯސްވެފައިވަނީ ގެމަނަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުންނެވެ. އެހެންވެ، މި މައްސަލަ ކުއްޖާގެ ބައްޕަވަނީ އެރަށު ފުލުހަށްވެސް ހުށަހަޅާފައެވެ. އަދި ފުލުހުން ވަނީ އޭނާގެ ބަޔާންވެސް ނަގާފައެވެ.

މިކަމާ ގުޅޭ ގޮތުން ގެމަނަފުށީ ހެލްތު ސެންޓަރުގެ މެނޭޖަރު މީޑިއާއަކަށް މައުލޫމާތު ދެމުން ބުނީ އެ ވަގުތަށް ދެވެން ޖެހޭ ހުރިހާ ފަރުވާއެއް ސިއްހީ މަރުކަޒުގެ ޑޮކްޓަރު ދިން ކަމަށެވެ. އަދި ގާތްގަނޑަކަށް 30 މިނެޓުތޭރޭ ކުއްޖާ ވިލިގިއްޔަށް ފުރުވާލެވުނު ކަމަށާއި، ކުއްޖާ ނިޔާވީ މާލެ ގެންގޮސް ފަރުވާދެމުންދަނިކޮށް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ހެލްތު ސެންޓަރުގެ މައްސަލައެއް ބަލަމުންދާކަމަށް މިނިސްޓްރީން އަންގާފައި ނުވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން