ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް މަޖިލީހުގެ ރިޔާސަތުން ހުރަސްއަޅާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް މަޖިލީހަށް މިއަދު ހުށައަޅުއްވާފައިވާ ޤަރާރުގައި ބުނެފައިވަނީ ސަރުކާރު ޖަވާބުދާރީކޮށް، ގާނޫނުގެ މަތިން ފިޔަވަޅުތައް އެޅުމަކީ މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ. ނަމަވެސް އެ ޒިންމާ އަދާކުރުމަށް މަޖިލީހުގެ ރިޔާސަތުން ހުރަސް އަޅަމުންދާކަމަށް މީކާއީލްގެ ޤަރާރުގައިވެއެވެ.

ހަމައެއާއެކު ޤަރާރުގައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރު އޮފީހެއްގެ ވެރިއަކު އަދާކުރާ ވާޖިބުތަކާ ބެހޭގޮތުން އެމީހަކާ ލިޔުމުން ނުވަތަ އަނގަބަހުން ސުވާލުކުރުމުގެ ހައްގު މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބިގެންވާކަމަށް ބުނެފައެވެ.

އެހެން ނަމަވެސް ވަޒީރުންނާ ސުވާލު ކުރުމަށް ދޭ 14 ދުވަހުގެ ނޯޓިސް ހަމަވާތާ އެތައް ދުވަހެއް ފާއިތުވެގެންދާއިރުވެސް ރިޔާސަތުން އެކަން އެޖެންޑާނުކޮށް އެކަން ލަސްކުރަމުން ދާކަމަށް ޤަރާރުގައިވެއެވެ.



އޭގެއިތުރުން ކޮންމެ ހަފްތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހޭނެކަމަށް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި އަދި މަޖިލީހުން އެހެން ގޮތަކަށް ކަނޑައަޅާފައިވާ ނުވަނީސް، މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަކީ މަޖިލީހުގެ ގަވައިދާ ހިލާފުވުން ކަމަށް މީކާއީލްގެ ޤަރާރުގައި ވަނީ ބުނެފައެވެ.

އަދި މިއީ ޤާނޫނު އަސާސީން މަޖިލީހާއި މަތިިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމަށް ހުރަސް އެޅޭ ކަންކަން ކަމަށް ވާތީ މިކަމުގައި މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށް ޤަރާރު ހުށައަޅާ ކަމަށް ޤަރާރު ނިންމާލަމުން ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް މަޖިލީޙުގެ ރިޔާސަތުން ހުރަސްއަޅާކަމަށްބުނެ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށައަޅާފައިވާއިރު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި މިހަފްތާގައިވެސް ކުރިއަށްދާކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން