ގޫގުލް ޑީޕްމައިންޑްގެ ސީއީއޯ
ގޫގުލް ޑީޕްމައިންޑްގެ ސީއީއޯ
އަރޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުރިއަށް އޮތް 10 އަހަރު ތެރޭ ހުރިހާ ބައްޔަކަށް ފަރުވާ ހޯދޭނެ ކަމަށް ގޫގުލްގެ އޭއައި ކުންފުނި، ޑީޕްމައިންޑުގެ ސީއީއޯ ޑެމިސް ހަސަބިސް ބުނެފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ހަސަބިސް ބުނީ އެޑްވާންސްޑް އޭއައި މޮޑެލްތަކުގެ ސަބަބުން ބޭސް އުފެއްދުމަށް ހޭދަވާ ވަގުތާއި ހަރަދު ވަރަށް ބޮޑަށް ކުޑަ ކުރެވިގެން ދާނެ ކަމަށެވެ.

އަދި އާންމުކޮށް އަހަރުތަކެއް ތެރޭ އުފެއްދޭ ބޭސްތައް އޭއައިގެ އެހީގައި ހަފްތާއެއްހާ ދުވަހުގެތެރޭ ނިންމާލެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިކަން މިހެން ވެއްޖެނަމަ، މިއީ ސިއްހީ ދާއިރާއެއް އާ އިންގިލާބެއް ގެނެސްދޭނެ ކަމެއް ކަމަށް ހަސަބިސް ބުނެފައި ވެއެވެ.

ކުރިން ނުކުރެވޭ އެތަައް ކަމެއް އޭއައިގެ އެހީގައި ކުރެވޭކަން ފާހަގަ ކުރަމުން މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ ޑީޕްމައިންޑްގެ އަލްފާފޯލްޑް މޮޑެލް އެވެ. އޭނާ ބުނީ މި މޮޑެލްއިން އަހަރެއް ތެރޭ 200 މިލިއަނަށްވުރެ ގިނައިން ޕްރޮޓީން ސްޓްރަކްޗަރު މެޕް ކުރެވުނު ކަމަށެވެ. އާންމު ގޮތެއްގައި މިކަން ކުރަން އަހަރުތަކެއް ނަގާ ކަމަށް އޭނާ ވަނީ އިންޓަވިއުގައި ފާހަގަ ކޮށްފައެވެ.

ޕްރޮޓީން ސްޓްރަކްޗަރު ދެނެގަނެވުމުން ބަލިތަކުގެ މެކޭނިޒަމްތައް ދެނެގަނެވޭނެ ކަމަށާއި، އޭގެ އެހީގައި އެ ބައްޔަކަށް ފަރުވާ ދެވޭނެ ބޭސްތައް ފަސޭހަކަމާއެކު އުފެއްދޭނެ ކަމަށް ހަސަބިސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން