ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން
ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން
މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ ރާއްޖޭގައިވެސް ނުހުންނަވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޔުމްނު ހ. ފެންޓޯނިއާގެއިން ވެއްޓުނު ހާދިސާ ހިނގާފައިވަނީ މިމަހު 18 ވަނަ ދުވަހުއެވެ. އެ ހާދިސާ ހިނގި އެޕާޓްމެންޓުގައި އެ ވަގުތު މިނިސްޓަރ އަމީން ހުންނެވިކަމަށް ބުނެ ގިނަ ފަރާތްތަކަކުން ދަނީ މިނިސްޓަރގެ އިސްތިއުފާއަށް ގޮވައި އަޑުއުފުލަމުންނެވެ.

މިކަމާ ގުޅިގެން ދާދި ފަހުން ދިން އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ އިސްތިއުފާ ދެއްވަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް ގޮތަކުން ބައިވެރިވުމެއް ނޯންނާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިކަމާގުޅެގޮތުން މިއަދު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ޖަމިއްޔާ، އައިކާއޯ އިން ގަތަރުގެ ދޯހާގައި ބޭއްވި އައިސީއޭއޯ ފެސިލިޓޭޝަން ކޮންފަރެންސް 2025 ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެންނެވި މަގުމަތީގައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި މަހުގެ 16 އިން 18 އަށް ކުރެއްވި އެ ދަތުރު ނިންމާލުމަށްފަހު މާލެ ވަޑައިގަތީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 8:50 ހާއިރު ކަމަށެވެ. މިކަމާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކާއި ޓިކެޓު އެބަހުރި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުން އާންމުކުރި ފުޓޭޖުތަކުން އެނގޭ ގޮތުގައި ޔުމްނު ވެއްޓިފައިވަނީ މިމަހު 18 ވަނަ ދުވަހުގެ ފަތިހު 4:30 އާއި 5:30 އާ ދެމެދުގެ ވަގުތެއްގައެވެ. އެހެންކަމުން މި ހާދިސާއާއި ގުޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކަމެއް ހިނގައިގެން އުޅޭ ކަމެއް ވެސް އެ ވަގުތު އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު އިންނާނީ އެވަގުތު ރާއްޖެ އަންނަން މަތިންދާ ބޯޓުގައި." މިނިސްޓަރ ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅިގެން ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތަކުގައި ދަނީ މިނިސްޓަރ އަމީން އަދި މިނިސްޓަރ އިހުސާންގެ އިސްތިއުފާއަށް ގޮވާލަމުމްނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން