ޑރ. ޝަހީމް އަދި ޝެއިހް އިމްރާން
ޑރ. ޝަހީމް އަދި ޝެއިހް އިމްރާން
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، އަދާލަތު ޕާޓީއާއި ގުޅިވަޑައިގެންނެވި ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުން އިސްތިއުފާ ނުދެއްވާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީގައި މިހާރު ހުންނެވި ޝަހީމް، އެ ޕާޓީ ދޫކުރައްވައި އަދާލަތު ޕާޓީއާއި ގުޅިވަޑައިގެންނެވުމަށް ނިންމެވިކަން ހާމަކުރެއްވީ މިއަދުއެވެ. ޝަހީމް ވިދާޅުވީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ފަހު މި އަހަރު ފަހުކޮޅު ބާއްވާ އަދާލަތު ޕާޓީގެ ރައީސަކު ހޮވުމުގެ އިންތިހާބުގައި ވެސް ވާދަކުރައްވާނެ ކަމަށެވެ.

ޝަހީމްގެ ޕޯސްޓަށް ރައްދު ދެއްވަމުން އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ޝެއިޚް އިމްރާން ޢަބްދުالله އެކްސްގައި ވިދާޅުވީ، ރައީސް މުޢިއްޒުގެ ދޯހަޅިކަމާ ހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތް ކުރުމަށް، ރައީސް މުޢިއްޒުގެ ކެބިނެޓް ދޫކުރައްވާ، ހާލިސްކަމާ އެކު ޝަހީމް އަދާލަތު ޕާޓީގެ ލީޑަރޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާ އެކު މަރުހަބާ ދަންނަވާނެކަމަށެވެ.

އިމްރާންގެ އެ ޕޯސްޓަށް ރައްދުދެއްވަމުން ޝަހީމް އެކްސްގައި ވިދާޅުވީ، އަދާލަތު ޕާޓީގރ ރައީސް ކަމަށް ވާދަކުރުމަށް ކެބިނެޓް ދޫކޮށްލާކަށް ނުޖެހޭނެކަމަށެވެ. އަދި އެ ޕާޓީގެ މެންބަރެއް މަގާމެއްގައި ހުންނަން ދުސްތޫރު މަނާ ނުކުރާ ކަމަށާއި، އެ ޕާޓީގެ ރައީސްކަމަށް މެންބަރުން އޭނާ އިންތިހާބު ކޮށްފިނަމަ ކޮންގްރެސްއިން ނިންމާ ގޮތަކަށް ޕާޓީއާއިގެން ކުރިއަށް ވަޑައިގަންނަވާނެކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.



ޝަހީމް ޕާޓީ ބަދަލުކުރައްވާކަން މިއަދު ހާމަކުރެއްވުމާއި ގުޅިގެން އަދާލަތު ޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން ދަނީ ޝަހީމަށް މަރުހަބާ ވިދާޅުވަމުންނެވެ. އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ވަނީ ޕާޓީގެ ރައީސްކަމަށް ޝަހީމް ގެނައުމަށް ތާއީދު ކުރައްވާކަން ވެސް ހާމަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން