އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު
އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު
އިދާރާތަކުން މައުލޫމާތު ނުދޭ މައްސަލަ އިންތިހާއަށް ބޮޑު ކަމަށާއި ނަމަވެސް މައުލޫމަތު ނުދީގެން އިދާރާތައް ޖޫރިމަނާކުރުމަކީ ހައްލެއް ނޫން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރޭ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި އާހިދު ވިދާޅުވީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އިދާރާތަކުން މައުލޫމާތު ނުލިބިގެން މައްސަލަ ހުށަހަޅާ ރޭޓް ވަރަށް ބޮޑު ތަނުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ދެ އަހަރު މައުލޫމާތު ނުލިބިގެން އައިކޮމްއަށް މައްސަލަ ހުށަހެޅި އަދަދު އޭގެ ކުރީގެ އަށް އަހަރު ހުށަހެޅި މައްސަލައިގެ ޖުމްލަ އަދަދަށް ވުރެ ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

އާހިދު ވިދާޅުވީ ދައުލަތުގެ އިދާރާތަކަކީ ގާނޫނާއި އެއްގޮތަށް އަމަލުކުރަން ޖެހޭނެ އިދާރާތަކެއް ކަމަށެވެ. އަދި ދައުލަތުގެ އިދާރަތަކުން ގާނޫނުތަކަށް އަމަލުނުކުރާހާ ހިނދަކު ދައުލަތް ރަނގަޅަށް ހިންގޭނެ ކަމާމެދު ބޮޑެތި ސުވާލު އުފެދޭނެކަން އޭނާ ފާހަގަަ ކުރެއްވި އެވެ.

"އަޅުގަނޑަށް ހަމަ [ދައުލަތުގެ އިދާރާތައް] ޖޫރިމަނާ ކުރެވިދާނެ. ޖޫރިމަނާ ނުކުރާ ވާހަކައެއް ވެސް ނޫން. ކުރަން. ތަންކޮޅެއް މަދީކަންނޭނގެ މިހާރު ކުރެވޭލެއް." އާހިދު ވިދާޅުވި އެވެ.

އާހިދު އިތުރަށް ވިދާޅުވީ މިހާރުވެސް އިދާރާތަކުން މައުލޫމަތު ދޭ ގޮތާ ގުޅޭ ރިޕޯޓް ކޮންމެ އަހަރަކުވެސް ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަމަށެވެ. އަދި މައުލޫމާތު ނުދިނުމުގެ މައްސަލައަށް އިދާރާތަކުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭން މިހާރު ޖެހިފައިވާކަން އާހިދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ކުރާ ޖޫރިމަނާއެއް ކުރިކަމުގައި ވިޔަސް އެ ޖޫރިމަނާ ދައްކާލައިފައި ވެސް ތިބެދާނެ މައުލޫމާތު ނުދީ. އެހެން ވެއްޖެ ކަމަށް ވެއްޖިއްޔާ އެއަކަށް ހައްލެއް ނޫން އެ ލިބެނީ." އާހިދު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން