މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާގައި ހައްޔަރުކުރި ޒުވާނުން ދޫކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރޭގެ އިހުތިޖާޖުގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފަ އެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ހައްޔަރު ކުރި ދެ ޒުވާނުންނަކީ މަޙްޒޫމް މާޖިދު (28އ) އާއި ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ.

"އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ އަސާސީ ހައްގުގެ ބޭނުން ހިފަމުން ދަނިކޮށް ހައްޔަރު ކުރި ޝިމަން އާއި މަހްޒޫމް ވަގުތުން މިނިވަން ކުރަން އަޅުގަނޑު ގޮވައިލަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހައްގުތަކުގެ ދިފާއުގައިި ތެދުވެ ޒުވާނުން ވަކާލާތު ކުރުމަކީ ލިބޭ ހިތްވަރެއް ކަމަށާއި އަދި މުޒާހަރާ ކުރާ ޒުވާނުންގެ އަޒުމާއި ހިތްވަރުން އެކްޓިވިޒަމްގެ ބާރު ދައްކުވައިދޭ ކަމަށެވެ. ހައްގުތަކުގެ ދިފާއުގައި ތެދުވެ ވަކާލާތު ކުރަން ހިތްވަރު ލިބޭ ސަގާފަތެއް ބިނާ ކުރެވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ފުލުހުން ބުނީ މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށްފައި ކަމަށެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރާތީ ގިނަ ބަޔަކު ފުލުހުން ހައްޔަރަށް ގެންގޮސްފައި ވެއެވެ. ނަމަވެސް އޭރު އެމީހުން ދޫކޮށްލާކަށް ނަޝީދު ގޮވާލައްވާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން