މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ މުއައްސަސާތަކަށް އައްޔަނު ކޮށްފައިތިބޭ ބޭފުޅުން އެއްވެސް ކަހަލަ ކޮރަޕްޝަންގެ އަމަލެއް ހިންގާކަން އެނގިވަޑައިގެންފި ނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ވަނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އަލިއަޅުވާލާ ސުވާލުތައް އަމާޒުކޮށްފައެވެ. އެގޮތުން ޝަމްއާން ހައްޔަރު ކޮށްފައިވަނީ މިނިސްޓަރ އިހުސާންގެ ކޮރަޕްޝަން މައްސަލަތަކެއް "ފަޅާއަރުވަފާނެތީ" ކަމަށް ބުނެ ޝަމްއާންގެ އާއިލާގެ ފަރާތުންވެސް ސޯޝަލް މީޑިއާގައި އަޑު އުފުލާފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު އުފެއްދިއެވެ. އަދި އެ ކޮރަޕްޝަންގެ މައްސަލަތަކުގެ މައުލޫމާތު ޝަމްއާނު ރައީސްއާ ހިއްސާ ކުރެއްވި ކަމަށް ބުނެވެސް ސޯޝަލް މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވިފައިވާކަން ފާހަގަ ކޮށްވެސް ސުވާލު ކޮށްފައިވެއެވެ.

މި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް ޝަމްއާން ރައީސް އާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޝަމްއާން ކުރަމުންދިޔަ ކަންތައް ހެކިތަކާއެކު ފެނިފައިވާ ކަމަށެވެ. އަދި އެހެންވެ، އެކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ގާނޫނާއި ގަވާއިދާ އެއްގޮތަށް، އެ އޮންނަ 'ޑިއު ޕްރޮސެސެއްގެ' ތެރެއިން އަޅަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީކީއެއް މިނިސްޓަރ އިހުސާން ކުރެއްވި ކަމެއް ނުވަތަ އެހެން ބޭފުޅަކު ކުރެއްވި ކަމެއް ފަޅާއަރުވާލަފާނެތީ ކުރި ކަމެއް ނޫން، އަޅުަގަނޑަށް މުހިންމީ މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުއައްސަސާތަކަށް ބޭފުޅުން އައްޔަނު ކުރައްވަނީ އިތުބާރު ކުރައްވާފައި ކަމަށެވެ. އަދި އެއިން އެއްވެސް ބޭފުޅަކު ކޮރަޕްޝަންގެ އަމަލެއް ހިންގައިފިނަމަ އެކަމާމެދު ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް ތުހުމަތުކުރެވޭ، އެހެން ނޫނިއްޔާމުން ހެކިތަކާއެކު ފެންނަން ހުރި ކަންތައްތަކެއް އޮތުމުން މަގާމުން ވަކިކުރަން ޖެހުނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޝަމްއާންގެ މައްސަލައިންވެސް ދޭހަވެގެންދަނީ ކޮރަޕްޝަންގެ އަމަލެއް ހިންގައިފިނަމަ އެކަމާމެދު އަޅަން ޖެހޭ ފިޔަވަޅެއް ސަރުކާރުން އަޅާނެކަމެވެ. އަދި އެހެން ބޭފުޅަކުވެސް އެފަދަ އަމަލެއް ހިންގައިފިނަމަ ހަމަ ގާނޫނުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އެޅިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޝަމްއާން ހައްޔަރު ކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އޭނާގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

މިމައްސަލަ ފުލުހުން ބަލަމުންދާއިރު ޝަމްއާނު ހިމެނޭހެން 4 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން