ނިއުރޭޑިއަންޓްގެ ސިނިޔާ ވައިސް ޗެއަރމަން އަދި އެސިސްޓެންޓް މެނޭޖަރ މުޖުތަބާ ޖަލީލް (މ)
ނިއުރޭޑިއަންޓްގެ ސިނިޔާ ވައިސް ޗެއަރމަން އަދި އެސިސްޓެންޓް މެނޭޖަރ މުޖުތަބާ ޖަލީލް (މ)
ޤައުމީޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާ އާއި ދެކޮޅަށް ނިއުރޭޑިއަންޓުން އިއްޔެ ދެއްކީ ތަފާތު މޮޅު ކުޅުމެއް ކަމަށް ނިއުރޭޑިއަންޓްގެ ސިނިޔާ ވައިސް ޗެއަރމަން އަދި އެސިސްޓެންޓް މެނޭޖަރ މުޖުތަބާ ޖަލީލް (މުޖޭ) ވިދާޅުވެއްޖެއެވެ.

“ރަސް އޮންލައިން” އަށް މިއަދު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ނިއުގެ އެސިސްޓެންޓް މެނޭޖަރ މުޖޭ ވިދާޅުވީ ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތުގައި އަލުން ފައިތިލަ ސާބިތުކުރުމަށްޓަކައި ނިއުރޭޑިއަންޓުގެ ކުޅުންތެރިން އިއްޔެ މާޒިޔާ އާއި ދެކޮޅަށް ދައްކާފައިވަނީ އާދަޔާޚިލާފު ހުނަރުވެރި މޮޅު ކުޅުމެއް ކަމަށެވެ.

“ނިއުރޭޑިއަންޓް ދެއްކި ޕަރފޯމަންސަކީ ނަތީޖާ ކޮންމެ ގޮތަކަށް އޮތަސް ފުޓުބޯޅައިގައި ނިއުރޭޑިއަންޓަށް ކުރިއެރުން އޮތްކަން ސަޕޯޓަރުންނަށް އިތުރަށް ކަށަވަރުވާނެ ފެންވަރުގެ، އިދިކޮޅު ޓީމުތަކަށް ޗެލެންޖިންގ ޕަރފޯމަންސެއް.” މުޖޭ ވިދާޅުވިއެވެ.

ހަމައެހެންމެ ނިއުރޭޑިއަންޓަކީ މިމުބާރާތަށް ދުރާލައި ތައްޔާރުވަމުންދިޔަ ޓީމެއް ނޫންކަން ފާހަގަ ކުރަށްވަމުން މުޖޭ ވިދާޅުވީ، ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި އެވަގުތަކު ކުރާންޖެހުނު ކޮންމެ ކަމެއް ނިއުރޭޑިއަންޓުން ކުރާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށާއި، އެފްއޭއެމްއަށް އަރުވާ ކަމަށެވެ.

“މުބާރާތަށް ނިކުތީ ރާއްޖޭގެ ފުޓުބޯޅައިގެ ހައްގުގައި. ރާއްޖޭގެ ފުޓުބޯޅަ ދެމެހެއްޓުމަށް ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުގެ ޙައިސިއްޔަތުން ނިއުރޭޑިއަންޓުގެ ޒިންމާ އޮތްކަން ޤަބޫލު ކުރެވޭތީ. ބައިނަލްއަޤުވާމީ ފުޓުބޯޅަ އިދާރާތަކަށް ރާއްޖެއަކީ ކޮންމެ ޙާލެއްގައިވެސް ފުޓުބޯޅަ ކުޅޭނެ ބަޔަކު ތިބި ތަނެއްކަން ސާބިތުކޮށްދިނުމަށް ޓަކައި.” މުޖޭ ވިދާޅުވިއެވެ.



މި މުބާރާތަށް ނިއުރޭޑިއަންޓް ނިކުތީ 10 ދުވަހުގެ ތަމްރީނުތަކަށް ފަހުގައި ކަމަށާއި، މުޅި ސްކޮޑަށް އެކުގައި ފަރިތަކޮށްލަން ލިބުނީ އެންމެ ދުވަހެއްކަން މުޖޭ ފާހަގަ ކުރެއްވިއެވެ. އަދި ޓީސީއާ ދެކޮޅަށް މިމަހުގެ 13 ވަނަ ދުވަހު ކުޅޭ މެޗަށް ޓީމު ރަނގަޅަށް އެކުލަވާލައި ފުރިހަމަ ނަތީޖާއެއް ނެރެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށްވެސް މި ބަސްދީގަތުމުގައި މުޖޭ ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން އެފްއޭއެމް ލީގު ކަޕްގައި އިއްޔެ ހަވީރު މާޒިޔާ އަތުން ނިއު ބަލިވީ ނަމަވެސް، މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެން ފަހު ކަށިގަނޑު ފުމުމާއި ހަމައަށް، ނިއުގެ ހައިބަތު ދައްކުވައިދޭ ނުލާއި ހުދުގެ ދިދަ އައު ހިތްވަރަކާއެކު އުފުލާލައި ޖޯޝާއި ފޯރީގައި މެދުކެނޑުމެއްނެތި ސަޕޯޓަރުން ދިން ތަރުހީބަށް މުޖޭ ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަށްވާފައެވެ.

ހަމައެއާއެކު މުޖޭ ވިދާޅުވީ އިއްޔެ ހަވީރު ގަލޮޅު ދަނޑުން ފެނުނީ ނިއުރޭޑިއަންޓް ގަލޮޅު ދަނޑުގައި ކުޅޭނަމަ ދިވެހި ފުޓުބޯޅައަށް އަލުން ދިރުން ލިބި ގަލޮޅު ދަނޑަށް ދިރުން ގެނެވޭނެ ކަމުގެ އުންމީދީ މަންޒަރު ކަމަށެވެ.

“އިއްޔެވެސް ވަރަށް ދުވަސްވަންދެން ނުފެނިތިބި ނިއުރޭޑިއަންޓްގެ ޑައި-ހާޑް ސަޕޯޓަރުން ދަނޑަށް އައިސް ފަހަކަށް އައިސް ނުފެންނަ ފޯރިއެއް ގަލޮޅު ދަނޑުން ފެނިގެން ދިޔަ. ކުރިއަށް އޮތް މެޗްތަކުގައިވެސް އެ ސަޕޯޓް ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް.” މުޖޭ ވިދާޅުވިއެވެ.



ދުވަސްތަކަކަށް ފަހު ނިއުރޭޑިއަންޓް އަލުން ގަލޮޅު ދަނޑަށް ނިކުމެފައިވާއިރު، އެފްއޭއެމް ލީގު ކަޕްގައި އިއްޔެ ހަވީރު އެޓީމުގެ ކޯޗު ސޮބާހު މުހައްމަދު ބެންޗުގައި ނެތި މާޒިޔާ އަތުން ނިއު ބަލިވީ ފަސްލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި ނިއުގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ގާނާގެ ފޯވާޑް ރަފީގެވެ.

އެފްއޭއެމް ލީގު ކަޕްގައި މިމަހުގެ 13 ވަނަ ދުވަހުގެ ހަވީރު ނިއުރޭޑިއަންޓުން ނިކުންނާނީ ވަރުގަދަ ޓީސީއާއި ދެކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން