ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ
ރައްޔިތުން އެދޭ އިންޤިލާބީ ބަދަލު ރައީސް ޑރ. މުޢިއްޒު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ، ސަރުކާރުން މިހާރު ފަށާފައިވާ މުޅިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމަށް ތަޢުރީފް ކުރަށްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ހަލުވިކަމާއެކު ޤައުމެއް ކުރިއަރައިދާނީ، ޒަމާނީ ވަސީލަތްތަކާއި ފަސޭހަތައް އެ ޤައުމެއްގެ ރައްޔިތުންނަށް ލިބިގެން ކަމަށެވެ.އަދި މި މަގަށް ދިވެހިރާއްޖެ ގެންގޮސް، ޒަމާނީ ވަސީލަތްތަކުން ފުރިހަމަވެފައިވާ އައު ދިވެހިރާއްޖެއަކަށް ދިވެހިން ވާސިލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތަށް ފަހުމީ ވަނީ ޝުކުރު ދަންނަވާފައެވެ.

ހަމައެއާއެކު، ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލައި، ހިންގުން ހަރުދަނާކޮށް، ދެފުށްފެންނަ ހަރުދަނާ ނިޒާމުތަކެއްގެ ތެރެއިން ރައްޔިތުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ހޯދައިދީ، ދިވެހިރާއްޖެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވެފައިވާ ވާ ޤައުމަކަށް ބަދަލުކުރުމަށް، ވިސްނުންތެރި ތަޞައްވުރަކާއެކު ރައީސް ފައްޓަވާފައިވާ މަސައްކަތަކީ އިންޤިލާބީ ބޮޑު ބަދަލެއްގެ ފެށުންކަން ފަހުމީ ފާހަގަ ކުރެއްވިއެވެ.

“ދިވެހި ރައްޔިތުން މިއެދޭ ބަދަލު ރައީސް މުޢިއްޒަށް ގެނެސްދެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް. މާތްﷲ ގެ އިރާދަފުޅާއެކު ރައީސް މުޢިއްޒުގެ މި ތަޞައްވުރުގެ ފޮނިމީރުކަން އަވަސް މުސްތަޤުބަލެއްގައި ދިވެހިންނަށް ލިބިގެންދާނެކަން ޔަޤީން.” ފަހުމީ ވިދާޅުވެފައިވެއެވެ.



އޭގެއިތުރުން ފަހުމީ ވިދާޅުވީ ދިވެހި ރައްޔިތުން އެދިއެދި ތިބި "މޯލްޑިވްސް 2.0" ގެ އިންޤިލާބީ ފަސޭހަތައް ރައްޔިތުންނަށް ލިބިގެން ދިއުމަކީ ވަރަށްބޮޑު އެދުމެއް ކަމަށްވެސް ވިދާޅުވެފައެވެ.

ފަހުމީ މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ރައްޔިތުން އެދޭ އަމާޒަށް ކުރާ ދަތުރުގައި ބައިވެރިވެ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެންމެހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން