އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
ކައުންސިލްގެ ދައުރު ހަމަވާން ދޮޅު އަހަރަށްވުމުން، ކައުންސިލް ގޮނޑި ހުސްވެއްޖެނަމަ ބައި-އިލެކްޝަން ނުބާއްވަން ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށައެޅުއްވި މި އިސްލާހުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ.

ޢަލީ މޫސާ ހުށައެޅުއްވި އިސްލާޙުގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ ޢުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ ޢަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހޭ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އިންތިޚާބަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާތީ ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވާން ގާތްވެފައި ވަނިކޮށް، ބައި-އިލެކްޝަންތައް ގިނަގިނައިން ބާއްވަންނުޖެހޭ ގޮތަށް ހަމަޖެއްސުމަކީ މި އިސްލާޙުގެ މަޤްސަދު ކަމަށް އިސްލާޙުގައިވެއެވެ.

އެހެންކަމުން ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވިއިރު، އަދި ކައުންސިލްގެ މެންބަރެއްގެ މަޤާމު ހުސްވިއިރު، އެ ކައުންސިލްގެ ޢުމުރުގައި ބާކީ އޮތީ 548 ދުވަސް (ދޮޅު އަހަރު) ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައިވާ ނަމަ އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބު ނުކުރުމަށް ޤާނޫނަށް އިސްލާޙު ހުށައަޅާފައިވެއެވެ.

ހަމައެއާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް ހަމަ މި އުޞޫލު ހިނގާގޮތަށް ވަނީ އިސްލާޙު ހުށައަޅާފައެވެ.

އޭގެ އިތުރުން މި އިސްލާހަށް ޢަމަލުކުރަން ފަށާނީ ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ކަމަށްވެސް އިސްލާހުގައި ކަނޑައަޅާފައިވެއެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވަނީ ކައުންސިލާއި، އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން