އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
ތިނަދޫ ހައުސިންގ ޔުނިޓްތައް ދޫކުރާނީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ، ތިނަދޫ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް ތިނަދޫ ސިޓީ ކައުންސިލުން މިއަހަރުގެ ޖެނުއަރީ މަހު 29 ވަނަ ދުވަހު އިޢުލާނުކުރީ، އެވުޒާރާއާ މަޝްވަރާނުކޮށް ކަމަށެވެ.

ހަމައެއާއެކު އެ އިޢުލާނު ބާޠިލު ކުރުމަށް އެންގުމުން ކައުންސިލުން އެކަމަށް އިޖާބަދީފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ތިނަދޫގައި ސަރުކާރުން ތަރައްޤީކުރާ 200 ހައުސިންގ ޔުނިޓް ލިބޭ މީހުން ހޮވުމަށްޓަކައި އެ މަޝްރޫޢުއަށް ކަނޑައަޅާފައިވާ "ހިޔާވެހި" ޕޯޓަލްގެ ތެރެއިން ކުރިމަތިލުމަށް ހުޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.

އަދި އެ މަޝްރޫގެ ދަށުން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތައް ދޫކުރާނީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“ސަރުކާރުގެ މަޝްރޫޢުއަކަށްވުމުން އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މިންގަނޑުން ގެންދަންވާނީ. މިނިސްޓްރީން މިހާރު މިދަނީ، މި ޕްރޮޖެކްޓްގެ ޔުނިޓްތައް ދޫކުރުމަށް ސްކީމެއް އެކުލަވާލާ، ސަރުކާރުގެ ހިޔާވަހި ޕޯޓަލްގެ ތެރެއިން އިޢުލާނު ކުރުމަށް ތައްޔާރުވަމުން.” ވަޒީރު މިއަދު ވިދާޅުވިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން މީގެކުރިން ކޮށްފައިވާ އިއުލާނުގައި ވަނީ އެ ސިޓީގައި 2022 ވަނަ އަހަރު އިމާރާތް ކުރަންފެށި 200 ހައުސިން ޔުނިޓަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު 30 އޭޕްރިލް 2025ވާ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް އެ އިޢުލާނު ބާތިލު ކުރުމަށް ހައުސިން މިނިސްޓްރީ އާއި އެލްޖީއޭ އިންވެސް ވަނީ ކައުންސިލަށް އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން