ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ބޯޑެއް
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ބޯޑެއް
2007 ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ 2007ގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ ދިވެހި އެއްވެސް ރައްޔިތަކު ދުންފަތުގެ އެއްވެސް އުފެއްދުމެއްގެ އިސްތިއުމާލު ކޮށްގެން ނުވާނެ ކަމަށެވެ.

އަދި އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މިދިޔަ މަހުގެ 13 ގައި ކެބިނެޓުން ނިންމި ނިންމުމާ ގުޅިގެން މަޖިލީހަށް ހުށައެޅި މިބިލު، މިދިޔަ މަހު 30 ގައި މަޖިލީހަށް ބަލައިގަނެ، ބިލުގެ މަސައްކަތް އަވަސް ކުރުމަށް ފޮނުވީ ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށެވެ. އަދި އެކޮމިޓީން ވަނީ 10 ދުވަހުގެ ދިރާސާ އަށްފަހު، ބިލުގެ މަސައްކަތް އާދީއްތަ ދުވަހު ނިންމާލާފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓު ތަޅުމަށް ހުށަހެޅުމުން އިތުރު ބަދަލެއް ނުގެނެސް ކޮމިޓީން ނިންމި ގޮތަށް ފާސްވެފައި ވަނީ 63 މެންބަރުންގެ ވޯޓާ އެކުގައެވެ. މިބިލާއި ދެކޮޅަށް ދެއްވީ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެކަންޏެވެ.

މި ބިލުގައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ދުންފަތުގެ ބާވަތެއް ވިއްކުމުގެ ހުއްދަ ލިބިފައިވާ ތަންތަނުން ދުންފަތުގެ ބާވަތެއް ވިއްކާއިރު 2007ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރަން ޖެހެއެވެ.

އަދި ދުންފަތުގެ ބާވަތްތައް ވިއްކާއިރު ގަންނަ މީހާއަކީ 2007ގެ ފަހުން އުފަންވެފައިވާ މީހެއް ކަމަށް ބެލެވޭނަމަ ކާކުކަން އަންގައިދޭ އައިޑީ ކާޑު ނުވަތަ އެފަދަ ލިޔުމެއް ހިމެނޭ އެއްޗެއް ބެލުމަށްފަހު އުމުރު ކަށަވަރުކުުރުމަށްފަހު ނޫނީ ނުވިއްކޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

2007ގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެއްކަން އަންގައިދޭ އިންޒާރު ހިމެނޭ ލިޔުމެއް ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި ހުންނަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ، އަންނަ ނޮވެމްބަރުން ފެށިގެން ޢަމަލު ކުރަން ފެށުމުން އުމުރުން 18 އަހަރުން ދަށުގެ ޖީލުގެ ހުރިހާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން އެއްކޮށް މަނާވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން