މޯލްޑިވްސް 2.0 ސަމިޓުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް 2.0 ސަމިޓުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ފަށާފައިވާ ޑިޖިޓަލައިޒޭޝަންގެ މަޝްރޫޢަށް ވޯލްޑްބޭންކުގެ އިތުރު އެހީތެރިކަން ލިބޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރ ޑރ. އިބްރާހީމް ވަޙީދު ވިދާޅުވީ، ވޯލްޑް ބޭންކްގެ ފަންޑުގައި މިހާރުވެސް ޑިޖިޓަލައިޒޭޝަންގެ މުހިންމު 7 މަޝްރޫއެއް ފެށިގެން ކުރިއަށް ދާ ކަމަށެވެ.

މީގެ ތެރޭގައި ކައުންސިލްތަކުގެ ނެޓްވޯކް ޒަމާނީ ނިޒާމަކުން ގުޅާލުމަށް ގެންދާ ގަވަމަންޓް ކޮމްޕިއުޓަރ ސިސްޓަމް އެކްސްޕެންޝަން ޕްރޮޖެކްޓް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ވަސީލަތްތައް އިތުރުކުރުމުގެ މަޝްރޫޢު އަދި ތިމާވެށީގެ ކަންކަމަށް ބޭނުންވާ ޑޭޓާ އެއްކުރުމަށް ފަށާފައިވާ ދިރާސީ މަސައްކަތްތައް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޑރ. ވަހީދު ވިދާޅުވީ މި މަޝްރޫއުގެ އެންމެ ބޮޑު ބޭނުމަކީ ޓެކްނޮލޮޖީއަށް ހޭލުންތެރި އަދި އެ ވަސީލަތްތައް ބޭނުންކުރުމާ ރައްޓެހި މުޖުތަމަޢުއެއް ބިނާކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ފަށައިގެން ކުރިއަށްދާ މަސައްކަތްތަކަށް ބޭނުންވާ ފަންޑު ލިބިފައިވާކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ އިތުރު ފަންޑިން ހޯދުމަށް ވޯލްޑް ބޭންކާއެކު މަޝަވަރާތައް ކުރަމުންދާކަމަށާއި، ފަންޑިން ލިބޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށްވެސް ވަހީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ މި މަޝްރޫޢު ކުރިއަށްގެންދަން ކުންފުނިތައް ހޯދުމުގައިވެސް ބަލާފައިވަނީ އެންމެ ފެންވަރު ރަނގަޅު މަސައްކަތްތައް ކުރާ ޕާޓީތަކަށް ދީގެން ނިންމުމަށް ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ 7 ޤައުމެއްގެ ކުންފުނިތަކުގެ އެހީ މިހާރުވެސް މީގެތެރޭގައި ހިމެނޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގައި މިހާރު ކުރަމުންދާ މަސައްކަތްތައް 5 އަހަރު ދުވަހުގެ މުއްދަތެއްގައި ނިންމުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން