އިންޑިއާ އެހީގައި ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއި ކުރުން
އިންޑިއާ އެހީގައި ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއި ކުރުން
އާރްޓީއެލް ފެރީ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން އިންޑިއާގެ ހިލޭ އެހީގައި 13 މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމައިފިއެވެ.

އިންޑިއާގެ އިމްޕެކްޓު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ހިންގާ މި 13 މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު އެވެ.

އެގޮތުން މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމަނިއަމް އެވެ.

‎މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމުލަ އަގަކީ 100 މިލިއަން ރުފިޔާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 81 ރަށެއް ގުޅާލާ، ހަލުވި ސްޕީޑު ފެރީގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށްވެސް ސަރުކާރުން ހާމަކޮށްފައި ވެއެވެ.

މި މަޝްރޫއުތަކާ ގުޅޭ ގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢުތަކަކީ މުޖުތަމަޢުގެ އުމްރާނީ ތަރައްޤީއަށާއި ބޭނުންތަކަށް ހައްލެއް ހޯދައިދީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ދިގު މުއްދަތަކަށް ފައިދާލިބޭނެ މަޝްރޫޢުތަކަކަށް ވާނެ ކަަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށްވާ މި އަހަރުގެ ނިޔަލަށް ގައުމީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު