ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ސަސްޕެންޑް ކުރުމާ ގުޅިގެން އެ ކޮމިޝަނުގެ މުވައްޒަފުން މިއަދު މަސައްކަތް ހުއްޓާލުމަށްފަހު ގެއަށް ހިނގައްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 25 މުވައްޒަފުން މަސައްކަތްކުރާ ކޮމިޝަނުން، ސަލާމުގައި ތިބި މުވައްޒަފުން ނުލައި 10 މުވައްޒަފަކު މިއަދު ވަނީ އެނބުރި ގެއަށް ގޮސްފައެވެ.

މުއައްޒަފުން މިގޮތަށް އަމަލުކުރީ މުވައްޒަފުންގެ ކަންބޮޑުވުން ހިމެނޭ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ކޮމިޝަނުގެ މެންބަރުން މުވައްޒަފުންނާމެދު ބޭއިންސާފުން ޢަމަލު ކުރަމުންދާކަމަށް ތުހުމަތުކޮށެވެ. އެގޮތުން ބައެއް މުވައްޒަފުން ބުނެފައިވަނީ، ޒީނިއާ ސަސްޕެންޑް ކޮށްފައިވަނީ އިޖްރާއަތު ފުރިހަމަ ނުކޮށް އިދާރީ އޮނިގަނޑާއި ހިލާފަށް ކަމަށެވެ. އަދި މިއީ މުވައްޒަފުންނަށް ބިރު ދައްކަން ކުރި ކަމެއްގެ ގޮތުގައި ބައެއް މުވައްޒަފުން ސިފަކޮށްފައިވެއެވެ.

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ 3 ދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ، ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް އެއްބާރުލުން ނުދިނުމާއި، ކޮމިޝަންގެ މެންބަރުންނަށް އިހްތިރާމު ނުކުރުން ފަދަ މައްސަލަތަކަކާއި ގުޅިގެންނެވެ.

ޒީނިޔާ ސަސްޕެންޑް ކޮށްފައިވާއިރު ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންނަށް މިނިވަންކަމާއެކު ވަޒީފާ އަދާކުރުމަށް ދަތިކުރަމުންދާ ކަމަށް ބުނެ އެކަން ހައްލުކޮށްދޭން އެދި އެކޮމިޝަންގެ 15 މުވައްޒަފުން ސޮއިކޮށް މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.

އެގޮތުން ޕެޓިޝަންގައި ބްރޯޑްކޮމްގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އޭގެތެރޭގައި މުވައްޒަފުން ލައްވާ އެހެން މުވައްޒަފުންނަށް ފާރަލާ ކަމަށާއި އަދި ޒާތީވެ މުވައްޒަފުންނާ ޖައްސާލައި ނަފްސާނީ ގޮތުން ގޯނާކުރާ ކަމަށް ބުނެފައިވެއެވެ. އަދި މުވައްޒަފުން ލައްވައި ގޭގައި މަސައްކަތްކޮށް އިތުރު ގަޑީގެ އިނާޔަތްތައް ނުދޭކަންވެސް ޕެޓިޝަންގައި ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރަށް ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށާއި، އެ މައްސަލަތައް މަޖިލީހުން ބަލައި އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ޕެޓިޝަންގައި އެދިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން