ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރެވޭނެ މިންވަރު ދެނެގަނެވޭނީ، ޖެނެރޭޝަން ބޭން ގާނޫނު ތަންފީޒުކުރަން ފެށުމަށްފަހު ރަނގަޅު ތަފާސްހިސާބުތަކެއް އެއްކުރެވިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެެއްޖެއެެވެ.

ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭން ގެނައުމުގެ ގާނޫނުގެ އިސްލާހު ތަސްދީގު ކުރެއްވުމަށްފަހު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދުންފަތް ބޭނުންކުރުން މަދުކުރުމުގެ ޓާގެޓް ކަނޑައަޅާނީ ޑޭޓާއަށް ބަލައިގެން ކަމަށެވެ. އެގޮތުން މި ގާނޫނުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރެވޭނެ މިންވަރު ދެނެގަނެވޭނީ، މި ގާނޫނު ތަންފީޒުކުރަން ފެށުމަށްފަހު ރަނގަޅު ތަފާސްހިސާބުތަކެއް އެއްކުރެވިގެން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ކޮންމެ ގޮތެއް ވިޔަސް، މި ގާނޫނު ރައްޔިތުން ބަލައިގަންނަ މިންވަރު ދެނެގަނެވޭނީ ތަންފީޒުކުރަން ފެށުމުން. އަޅުގަނޑުގެ އަމާޒަކީ ސައްތައިން ސައްތަ ކާމިޔާބީއެއް ހޯދުން. އަޅުގަނޑު މިކަން މި ކުރަނީ ހުރިހާ ރައްޔިތުން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުކުރުމަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި ގާނޫނު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރެވޭނީ ރައްޔިތުން މިކަމަށް ތައްޔާރުވެ ތިބި މިންވަރަކުންނެވެ. އެހެންކަމުން، ޑޭޓާ އެއްކުރުމުގެ ތެރެއިން ދެން އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިސާލަކަށް، މި އަންނަ އަހަރަށް އަޅުގަނޑުމެން ކަނޑައަޅާ ޓާގެޓް ވާންޖެހޭނީ ޙަޤީޤަތާ ގުޅިފައިވާ އެއްޗަކަށް. އަޅުގަނޑަށް ޔަޤީން މިކަން ވަރަށް ރަނގަޅުވާނެކަން. މިހާރު އެނގިފައިވާ ގޮތުގައި، ގައިންގަޔަށް ނާރާ ބަލިތަކަކީ މީހުން މަރުވާ އެންމެ ބޮޑު އެއް ސަބަބު. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލުކުރުން. އެހެންވީމާ، އެ އިންސައްތަ ކުޑަކުރުމަކީ އަޅުގަނޑުމެންގެ ޓާގެޓް. އެ އަދަދު އަޅުގަނޑުމެން ކަނޑައަޅާނީ ޑޭޓާ އެނަލައިޒްކޮށްގެން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މި ގާނޫނުގެ ސަބަބުން ވީހާވެސް ރަނގަޅު ނަތީޖާއެއް ނެރުމަކީ އެމަނިކުފާނުގެ އެދުމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އިއްޔެ ރައީސް ތަޞްދީޤުކުރެއްވި އިސްލާހުގެ ދަށުން، 1 ޖެނުއަރީ 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވެގެން ދިޔުމުގެ އިތުރަށް، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާކުރެވޭނެއެވެ. އަދި، އެފަދަ ބާވަތްތައް އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުން މަނާކުރުމުގެ އިތުރަށް، އެފަދަ ތަކެތި އަތުލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދީފައިވެއެވެ.

އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު އިއްޔެ ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން