"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގެ ނަމުގައި ބާއްވާ މައުރަޒު މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އެކި އިދާރާތަކާ ގުޅިގެން އިންތިޒާމުކުރާ މި މައުރަޒު ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް ހުޅުމާލޭ ސެންޓަރަލް ޕާކްގައެވެ.

މި މައުރަޒު ކުރިއަށް ގެންދަން ނިންމާފައިވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެނެވެ. އެއީ ވާދަކުރުމުގެ ބަޔަކާއި ޑިސްޕްލޭ އަށް އެކަނި ބަހައްޓާ ބައެއް ހިމެނޭގޮތަށެވެ.

އެގޮތުން ވާދަކުރުމުގެ ބަޔަށް 3،000 އަށް ވުރެ ގިނަ އުފެއްދުންތައް ހުށަހަޅާފައިވާއިރު 300 އަށްވުރެ ގިނަ ބައިވެރިން މި މައުރަޒުގައި އުފެއްދުންތައް ދައްކާލާނެއެވެ.

މި މައުރަޒުގައި ހިމެނޭ ވާދަކުރާ ބަޔަށް ލިބިފައިވާ ހުށަހެޅުންތަކަށް، ހާއްސަ ފަނޑިޔާރުންތަކެއް މާކްސްދީ މިހާރު ނިންމާފައިވާއިރު އޭގެ ތެރެއިން ވަނަތަކަށް އަންނަ ބައިވެރިންނަށް އިނާމު ދިނުން މިރޭ ބާއްވަން ވަނީ ހަމަޖެހިފައެވެ. އަދި މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މައުރަޒުގައި ކާބޯތަކެއްޗާއި ގަހަނާ އާއި އަތްތެރި މަސައްކަތްތަކާއި ބޭސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް ވެސް ހިމެނޭއިރު މިފަހަރުގެ މައުރަޒުގައި ޓެކްނޮލިޖީއާ ގުޅޭ ތަކެތިވެސް ހިމެނިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި މައުރަޒުގެ ބޭނުމަކީ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް، އުފެއްދުންތެރިކަމަށް އިތުރު ޝައުގުވެރިކަމެއް ގެނައުމާއި އަދި ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށްދިނުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން