ދިވެހިރާއްޖެއިން ހައްޖަށްދާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމަށް މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ފަސޭހަ އިހުސާސް ވެގެންދާނީ ޖިއްދާ އެއާޕޯޓުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، މިއަހަރު ރާއްޖެއިން ޙައްޖަށް ދާ ފުރަތަމަ ފުލައިޓުގެ ހައްޖުވެރިންނަށް މިރޭ ހައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީން ބައްދަލުވުން ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ، ދިވެހި ހައްޖުވެރިންނަށް މިއަހަރު ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި ސައުުދީ އަރަބިއްޔާގެ ސަރުކާރުން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމަށް ނިންމިކަމީ ރާއްޖޭގެ ހައްޖުގެ ތާރީހުގެ ތެރެއަށް އަންނަ އެންމެ ފަސޭހައަށް ވެގެންދާނެކަމަށެވެ.

މި ބައްދަލުވުމުގައި މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ މުހިއްމު މައުލޫމާތުތަކެއް ހައްޖުވެރިންނާއި ހިއްްސާ ކުރައްވަމުން ޝަހީމް ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަސޭހަކަން ހައްޖުވެރިންނަށް އިހުސާސް ވެގެންދާނީ ޖިއްދާ އެއާޕޯޓުން ކަމަށެވެ.

އެގޮތުން ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ސައުދީ ސަރުކާރުން އިސްތިގުބާލު ކުރައްވާނެކަމަށާއި، އިމިގްރޭޝަންގެ ކަންކަމަށް އަދި ފޮށިތައް ނެގުމަށްވެސް ހައްޖުވެރިން އެ އެއާޕޯޓުގައި މަޑުކުރަން ނުޖެހި ވަގުތުން ހޮޓަލަށް ދެވޭނެގޮތް ހަމަޖެހިގެންދާނެކަަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ދިވެހި ހައްޖުވެރިންގެ ތެރެއިން މިއަހަރު ފުރާ ފުރަތަމަ ފުލައިޓުގެ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު އެއާޕޯޓުގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޝަހީމް ވަނީ ދިވެހި ހައްޖުވެރިންގެ ހައްގުގައި ހައްޖު ކޯޕަރޭޝަނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ހައްޖުގެ ކަންކަމަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ހައްޖުވެރިއަކަށް ހާލަތެއް ދިމާވާ ވަގުތުތަކުގައި އެ ހައްޖުވެރިއަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް ޝަހީމު ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން