ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނާއެކު ރާއްޖޭގެ ކުށުގެ މާހައުލަށް އިންޤިލާބީ ބަދަލެއް ގެނެވޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނު ތަސްދީކުުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ މި ޤާނޫނަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިނިސްޓަރު އިޙްސާން އިތުރަށް ވިދާޅުވި ގޮތުގައި މި ޤާނޫނުގެ ސަބަބުން ދިވެހި ފުލުހުންނަށާއި އަދި ޤާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކަށް ޚާއްޞަ ބާރުތަކަކާއި އިޖުރާއަތުތަކެއް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ގޭންގު ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވެވޭނެ ކަމަށް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.

އެގޮތުން ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނާއެކު ޤާނޫނުގެ ބާރު ނުފޯރާ ހިސާބުގައި ގޭންގުތަކަށް ދެން ހަރަކާތްތެރި ނުވެވޭނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

"އަޅުގަނޑު ކަށަވަރުކުރަން ކުރިއަށް އޮތްތާނގައި މިފަދަ ގޮތަކަށް ރާއްޖޭގައި ކުށްކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ނުވަތަ ޤާނޫނުގެ ތެރެއިން އަތް ނުފޯރާ ހިސާބުގައި މިކަން ނުކުރެވޭނެ އެކަން އަޅުގަނޑުމެން ޔަޤީންކުރާނަން. ފުލުހުން އެކަން ޔަޤީންކުރައްވާނެ." އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގެ ކުށުގެ މާހައުލުގައި ހަރަކާތްތެރިވަމުންދާ ގޭންގުތައް ހުއްޓުވުމަށް 2010 ވަނަ އަހަރުވެސް ޤާނޫނެއް ގެނެވުނުކަން ފާހަގަކުރައްވަމުން ވަޒީރު އިޙްސާން ވިދާޅުވީ މިޤާނޫނުގެ ތެރެއިން ދިމާވި އެންމެ ބޮޑު މައްސަލައަކީ ޤާނޫނުގައި ގޭންގުތަކަކީ ކޮބައިކަން ބުނެދެވިފައި ނުވުން ކަމަށެވެ. މީގެސަބަބުން މިޤާނޫނުގެ ދަށުން އެއްވެސް މީހަކަށް ހުކުމް ނުކުރެވޭ ކަމަށާއި އެހެން ނަމަވެސް އައު ޤާނޫނުގެ ތެރެއިން މިފަދަ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ. މިނިސްޓަރު ވަނީ އައު ޤާނޫނާ މެދު ވިސްނައި ކުށުގެ ވެށީގައި އުޅޭ މީހުން އެކަމުން ދުރުވުމަށް ގޮވާލައްވާފައެވެ.

"ޤާނޫނަށް ގެންނަންޖެހޭ ކޮންމެ ބަދަލެއް ވިޔަސް ގެނެސްގެން، ރާއްޖޭގައި މިކަން ޙައްލުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ، މިއަދު މި ފެންނަނީ ދިވެހި ރައްޔިތުން ދެކެ ލޯބިވާ ވެރިޔަކު ދިވެހި ރައްޔިތުންނަށްޓަކައި އެ ކޮމިޓްމަންޓެއް ދެއްވާ މަންޒަރު،" މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން