"ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 14،000 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތްކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޝިހާމް ވިދާޅުވީ، "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އެންމެ ނާޒުކު ހާލަތުގައި އަދި އެންމެ ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އޭގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކަށް ގޮސް އެހީ ހޯދުމަށް ނުކުޅެދިފައިވާ ފަރާތްތައް ހިމެނޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެގޮތުން މިނިސްޓްރީގެ ޓީމުތަކުން މި ގޭގެއަށް ޒިޔާރަތްކޮށް، އެ ފަރާތްތަކުގެ ހާލަތު ބަލައި، އެމީހުންނަށް ބޭނުންވެފައިވާ ކަންތައްތައް ދެނެގަނެ، އެހެން މުއައްސަސާތަކާ ގުޅުވައިދީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ވަޒީފާގެ ދަތިކަން ހުރި ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަށް ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގައި އަމިއްލަ ޖަމްޢިއްޔާތަކާއި އެންޖީއޯތަކުން ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެ ޒިޔާރަތުން އަޅުގަނޑުމެންނަށް މިސާލަކަށް ވަޒީފާގެ ދަތިކަމެއް އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވާ އާއިލާއެއްގައި ވަޒީފާއިން ނެތުމަކީ ދެން އެއީ ވަރަށް ބޮޑު ނިކަމެތި ކަމަކަށްްވޭ، އެހެންވީމާ އެއްކަލަ ފުދުންތެރި ޝަރަފުވެރި ދިރިއުޅުމެެއް އުޅެންޏާ މުން ހަމަ އާމްދަނީއެއް ވެސް ހޯދަންޖެހޭ، އެހެންވީމާ ކަމާބެހޭ އެ އަމިއްލަ އެންޖީއޯސް ކަމަށް ވިޔަސް ވެސް ވަޒީފާ ދޭ ފަރާތްތަކާ ގުޅިގެން އަޅުގަނޑުމެން އެބަ ބަލަން އެމީހުންނަށް ވަޒީފާއެއް ހޯދައިދެވޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝިހާމް އިތުރަށް ވިދާޅުވީ، "ހާލު ކިހިނެއް؟" ޕްރޮގްރާމަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފުދުންތެރި އަދި ޝަރަފުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން