ހުޅުމާލޭގެ ރަމްޒަކަށް 100 މީޓަރުގެ އައިކޯނިކް ޓަވަރެއް އެޅުމަށް ނިންމާފައިވާކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހާމަކޮށްފިއެވެ.

މިއަދު ހުޅުމާލޭގެ އައު މާސްޓާ ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް ވިދާޅުވި ގޮތުގައި މި ޓަވަރު އެޅުމަށް ހަމަޖެހިފައިވަނީ ފަރުކޮޅުފުށީގެ ނިމޭ ހިސާބުގައެވެ.

އަހުމަދު ޒިނަފް އިތުރަށް ވިދާޅުވި ގޮތުގައި މި ޓަވަރަކީ ހުޅުމާލޭގެ ދެވަނަ ރަމްޒެއް އުފެއްދުމަށް ބިނާކުރެވޭ ޓަވަރެކެވެ. މިހާރު ހުޅުމާލޭގެ ރަމްޒަކީ ހުޅުމާލެ ފޭސް 1 ގައި ހުންނަ މިސްކިތާއި ފޭސް ދޭއްގެ ހިޔާ ޓަވަރުތަކެވެ. މި އައު ޓަވަރަކީ ހުޅުމާލޭގެ ތިންވަނަ ރަމްޒަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ހުޅުމާލޭގެ ދެވަނަ އައިޑެންޓިޓީއަކަށް ވެގެންދާނެ ޓަވަރެއް. މި ޓަވަރުގެ އުސްމިނަކީ 100 މީޓަރު. ހުޅުމާލެއޭ ބުނީމަ، އެންމެ ފުރަތަމަވެސް އަޅައިގަންނާނެ ނުވަތަ ވިސްނޭނެ އެއްޗަކީ މިހާރު ވިއްޔާ ހުޅުމާލޭ އެކެއްގައި ދެވަނައަށް އެޅި މިސްކިތް. ހުޅުމާލޭ 2 ގެ ހިޔާ ޓަވަރުތައް. އޭގެ އިތުރުން ތިންވަނަ އެއްޗަކަށް ހުޅުމާލެ އަށް އައިކޯނިކް ޓަވަރެއް މި ގެންނަނީ." ޒިނަފް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ޓަވަރުގެ އަނެއް މަގްސަދަކީ ފައިނޭންޝިއަލް ޑިސްޓްރިކްޓެއް އުފެދިގެން އަންނައިރު އިތުރު ވަޒީފާގެ ފުރުސަތުތައް އުފެއްދުން ކަމަށްވެސް ޒިނަފް ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން