ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބޭއްވި އިޙްތިޖާޖެއްގެ ތެރެއިން
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބޭއްވި އިޙްތިޖާޖެއްގެ ތެރެއިން
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައިވާ މައްސަލާގައި ހެކިވެރިންގެ ހެކިބަސްތައް ނަގައި ނިންމާލައިފިއެވެ.

ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. މި މައްސަލައިގައި ދެން ހިމެނޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވީ ނަމަވެސް އޭނާގެ ބައި ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.

މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދިފާއީ ހެކިންގެ ހެކި ބަސް ނަގާފައިވެއެވެ. އެގޮތުން މުލިިއާގޭގެ އެކްސްޓާނަލް އެފެއާޒްގެ ކުރީގެ ހެޑް އަބްދުﷲ ރަޝީދު ހެކިބަސްދެމުން ބުނެފައިވަނީ، ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމަށް ދޭން ޖެހޭ ފައިސާތަކެއް ހުރި ކަމަށް 2016 ވަނަ އަހަރުގެ މެދުހެއްހާ ހިސާބުގައި ރައީސް ޔާމީން ވިދާޅުވުމުން، ހިލާލީގެއަށް ދިޔަ ކަމަށެވެ. އޭރު ސިޓިންރޫމްގެ މޭޒެއްގެ މަތީގައި 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ހުރި ކަމަށާއި އެއީ 17 މިލިއަން ރުފިޔާކަން އެނގުނީ އެގޮތަށް ރައީސް ޔާމީން ވިދާޅުވުމުން ކަމަށް އޭނާ ބުންޏެވެ. އަދި އެއީ ޑޮލަރު މާރުކުރުމަށް ސިޔާމަށް ދޭ ފައިސާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލާގައި ހެކިބަސްދެމުން ކްރިކް ރިޟާ ބުނެފައިވަނީ ރައީސް ޔާމީނާ ފައިސާގެ އެއްވެސް މުއާމާލާތެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ފުއްގިރި ކުއްޔަށް ނަގަން ބޭނުން ވެގެން ބޭރުގެ ކުންފުންޏަކަށް ކޮންސަލްޓޭޝަން ފޯރުކޮށްދިން ކަމަށާއި، އެރަށުގެ އިކްއިޒޭޝަން ކޯސްޓާ ގުޅުންހުރި ކަންބޮޑުވުންތަކަކާ ގުޅިގެން އެހީއަކަށް އެދުމުން އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތާ ބައްދަލުކުރި ކަމަށެވެ. އަދި އޭގެ އެއް ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް އިންނެވި ކަމަށް ރިޟާ ބުނެފައިވެއެވެ.

މި މައްސަލައިގައި ހެކިންގެ ހެކިބަސް ނަގައި އިއްޔެ ނިންމާލާފައިވާއިރު ރައީސް ޔާމީންގެ ފަރާތުން އެންމެ މުހިންމު ހެކިންގެ ގޮތުގައި ހުށަހެޅި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް އާއި އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ވަނީ ރައީސް ޔާމީންގެ ދިފާޢުގައި ހެކިބަސް ދިނުމަށް އިންކާރު ކޮށްފައެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހެއްކާ ގުޅޭ ގޮތުން ދެފަރާތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމެވެ. އެ އަށް ފަހު އޮންނާނީ ހުކުމް ކުރުމެވެ.

ފުއްގިރީގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލާފައިވެއެވެ. ހަމައެއާއެކު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ދަޢުލަތުން ވަނީ އުފުލާފައެވެ.

ރ. ފުއްގިރި މައްސަލާގައި ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މައްސަލާގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.

މިއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ތިންވަނަ މައްސަލައެވެ. މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު މަނީލޯންޑަރ ކުރި މައްސަލައެއް ސާބިތުވެ ރައީސް ޔާމީނަށް ވަނީ، 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އެޙުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.

އޭގެފަހުން ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ކްރިމިނަލް ކޯޓުން އިއްވިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލް ކުރުމަށްފަހު އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން