ނައުޝާދު މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ސިރުހާން އާއި ފައިހު
ނައުޝާދު މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ސިރުހާން އާއި ފައިހު
މާލޭ ފިހާރައެއްގެ ތެރެއަށް ވަދެ ވަޅިން ހަމަލާދީ ސ.ހިތަދޫ، އިޒުމީރު، އަހުމަދު މުހައްމަދު ދީދީ (ނައުޝާދު) މަރާލި މައްސަލާގައި ހައްޔަރުކުރި ސިރުހާން އަލީ އާއި އިބްރާހިމް ފައިހުގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ނައުޝާދު ނިޔާވެފައިވަނީ 24 ފެބްރުއަރީ 2023 ވަނަ ދުވަހު 21:30 ހާއިރު ކ. މާލެ، މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސާ" ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ ތޫނު ހަތިޔާރުން ހަމަލާދީ އޭނާ ޒަޚަމްކޮށްލުމާ ގުޅިގެންނެވެ.

ނައުޝާދަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކޮށް ދަޢުލަތުން ދަޢުވާ އުފުލާފައިވަނީ ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީ އާއި ސ. މަރަދޫފޭދޫ ރަށްދެބައިގެ އިބްރާހީމް ފައިޙް ނިޡާމުގެ މައްޗަށެވެ.

މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވާއިރު މިދެމީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި ދެމީހުންވެސް ވަނީ ދަޢުވާތަކަށް އިންކާރުކޮށްފައެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ އިޙްސާން ވަނީ، ފައިހުގެ ދިފާއުގައި ހުށަހަޅާފައިވާ 4 ހެކިންގެ ހެކިބަސް ޝަރީޢަތަށް ނެގުމަށް ނިންމާފައެވެ. ފައިހު ދިފާއީ ހެކިން ހުށައަޅާފައިވަނީ، ކުށުގެ އަމަލު ހިނގި ތަނުގައި އޭނާ ނެތްކަން ސާބިތު ކޮށްދިނުމަށެވެ.

އަދި މި މައްސަލައިގެ އިތުރު އަޑުއެހުމެއް 15 ދުވަސް ފަހުން ބާއްވަވާނެ ކަމަށާއި، ޝަރީއަތް ފަށާ ގޮތަށް މެދުކެނޑުމެއްނެތި ޝަރީއަތް ކުރިއަށް ގެންގޮސް ނިންމާލަން ޤަސްދު ކުރަށްވާ ކަމަށް ޤާޟީ ވިދާޅުވިއެވެ.

ކްލާސާ ފިހާރަތެރޭގައި ހިންގި މާރާމާރީގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން ނައުޝާދު ނިޔާވެފައިވާއިރު މި ހަމަލާއަކީ މާލޭގެ ގޭންގުތަކުގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިން ދިން ހަމަލާއެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފެބްރުވަރީ 27 ވަނަ ދުވަހު އައްޑުއަށް ނިސްބަތްވާ 30 އަހަރުގެ ޒުވާނާ ނިޔާވިއިރު ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގައެވެ.

ކްލާސާ ފިހާރަ ތެރޭގައި ހިންގި މާރާމާރީގެ މަންޒަރު ދުށް ބައެއް މީހުން ބުނީ އެ ފިހާރަ ތެރެއަށް މުޙައްމަދު އަޙްމަދުދީދީ ވަނީ ބަޔަކު މީހުން އޭނާ ހޯދަން އަންނާތީ ފިލަންވެގެން ކަމަށެވެ. ނަމަވެސް އެ ފިހާރައަށް ވަނުމުން ސައިކަލެއްގައި އައި ދެ މީހަކު ވަދެ ވަޅިން ހަމަލާ ދިނީ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެމައްސަލާގައި ވިދާޅުވީ، އެ މާރާމާރީ އަކީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި 2023 ވަނަ އަހަރުގެ ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށެވެ. އެގޮތުން އެއީ 'ކުޑަހެންވޭރު' ކިޔައިގެން އުޅޭ ބަޔަކާއި 'އެންސީ' ކިޔައިގެން އުޅޭ ބައެއް ހިންގި މާރާމާރީއެއް ކަމަަށް ހަމީދު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން