ހުޅުމާލޭގެ ރިވައިޒްކުރި މާސްޓަރ ޕްލޭނަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލައިފިއެވެ.

ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމަނައިގެން ރިވައިޒްކުރި މި މާސްޓަރ ޕްލޭން ލޯންޗުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

މި މާސްޓަރ ޕްލޭނަށް ބަދަލުގެނައީ ހުޅުމާލޭގެ ބަނދަރުގެ ޖާގަ ތަނަވަސްކުރުމާއެކު، ހުޅުމާލެއަށް ބޭނުންވާ އިތުރު ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ހޯދުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވީ، މި މާސްޓަރ ޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާއެކު ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.

މި މާސްޓަރ ޕްލޭނާ ގުޅޭ އެންމެހާ މައުލޫމާތު މިހާރު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް މާސްޓަރ ޕްލޭން ލޯންޗުކުރުމާއެކު ވަނީ ހުޅުވާލެވިފައެވެ. ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖޫން 2025 އެވެ. މާސްޓަރ ޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށްފަހު ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ އާންމުންގެ ހިޔާލާއި މަޝްވަރާއާއެކު ހުޅުމާލެ ތަރައްގީކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީވެފައިވާ ހިތްފަސޭހަ އައިލެންޑް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން