ހޫނުގަދަވުމާ ގުޅިގެން 2025 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ހުކުރު ޚުތުބާ ކުރުކުރަން މައްކާގެ މަސްޖިދުލް ޙަރަމާއި މަދީނާގެ މަސްޖިދުން ނަބަވީގެ ދީނީ ކަންކަމާ ބެހޭ ރިޔާސަތުގެ ވެރިޔާ، ޝެއިޚް ޢަބްދުއްރަޙްމާން އައްސުދައިސް އަންގަވައިފިއެވެ.

ޝެއިޚް ޢަބްދުއްރަޙްމާން އައްސުދައިސް، ވަނީ 2025 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި މައްކާއާއި މަދީނާގައި ހޫނުގަދަވުމުގެ ސަބަބުން ހުކުރު ޚުތުބާއާއި ނަމާދު ކުރުކުރުމަށް އަންގަވާފައެވެ. އަދި ބަންގި ގޮވުމާއި ޚުތުބާ ފެށުމާ ދެމެދު އިންތިޒާރު ކުރަންޖެހޭ ވަގުތު ކުޑަކުރުމަށް ވެސް ޝެއިޚް ވަނީ އަންގަވާފައެވެ.

މިއީ ޙައްޖުވެރިންނާއި އަޅުކަންކުރާ ފަރާތްތަކަށް، ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ގެފުޅުގެ ވަށައިގެން ތިރީގައި ޠަވާފުކުރާ މީހުންނާއި، މަތީ ފަންގިފިލާތަކާއި، މިސްކިތުގެ ގޯތިތެރެ ފަދަ ތޮއްޖެހިފައިވާ ސަރަޙައްދުތަކުގައި ތިބޭ ފަރާތްތަކަށް ދިމާވާ ދަތިތައް ކުޑަކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.

ޝެއިޚް ސުދައިސް ވިދާޅުވީ، މި އިރުޝާދަކީ، ސަރުކާރުގެ އިސްވެރިންގެ އިރުޝާދާ އެއްގޮތަށް، ދެ ހަރަމްފުޅުގައި ރައްކާތެރި، އަޅުކަމުގެ މާޙައުލެއް ޤާއިމުކުރުމަށް ރިޔާސަތުން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ. އަދި މި ނިންމުމަކީ، މިލިއަނުން ޙައްޖުވެރިން އަންނަ ކަމަށް ބެލުމަށްފަހު، ދަތިކަމުން ސަލާމަތްވުމަށާއި، ގަދަ ހޫނުފަދަ ހާލަތްތަކުގައި އަޅުކަންކުރާ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްކަންދޭ އިސްލާމީ އުސޫލުތަކަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ސުދައިސް ވިދާޅުވިއެވެ.

ދެ ހަރަމްފުޅަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ޙައްޖުވެރިންނަށް ނަމާދު، ޒަކާތް، ރޯދަ، އަދި ޙައްޖު ފަދަ ދީނީ އަޅުކަންތައް ފަރުވާތެރިކަމާއެކު އަދާކުރުމަށްވެސް ޝެއިޚް ސުދައިސް ގޮވާލައްވާފައިވެއެވެ. އަދި ޛުލްޙިއްޖާ މަހުގައި ތަހުލީލު، ތަސްބީޙަ، ތަކްބީރު، އަދި ތަޙްމީދު ކިޔައިގެން ގިނަގިނައިން ﷲ ހަނދުމަކުރުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މީގެ އިތުރުން ހުރިހާ މުސްލިމުންނަށް، ޚާއްޞަކޮށް ޙައްޖުގެ އަޅުކަން އަދާކުރާ ފަރާތްތަކަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދާ އެއްގޮތަށް، މި ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ޝެއިޚް ސުދައިސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި މިފަދަ ބަރަކާތްތެރި ދުވަސްވަރެއްގައި، މި މުޤައްދަސް ބިމުގައި، ޒިޔާރަތްކުރާ ފަރާތްތަކަށާއި ޙައްޖުވެރިންނަށް ހެޔޮކޮށް ހިތައި، އޯގާތެރިކަމާއި ދީލަތިކަން ދެއްކުމަކީ މާތް އަޚްލާޤާއި އިންސާނީ ކަރާމާތަށް އިޙްތިރާމްކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން