އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރަށްވާނީ ޞިއްޙީ ދާއިރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާއަށް މިއަދު ދެއްވި ބަސްދީ ގަތުމެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިސަރުކާރުގެ އެންމެ މުހިންމު ދެވަނަ ސިޔާސަތަކީ ޞިއްޙީ ދާއިރާ ތަރައްޤީ ކުރުން ކަމަށެވެ. އެގޮތުން މޯލްޑިވްސް 2.0 ޕްރޮގްރާމަށް އިޝާރާތް ކުރަށްވަމުން ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރަށްވާނީ ޞިއްޙީ ދާއިރާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ޞިއްޙީ ދާއިރާ ރަނގަޅު ކުރުމަކީ ހުރިހާ ކަމަކާ ގުޅިލާމެހިފައިވާ ކަމެއް ކަމަށާއި، އެހެންކަމުން މި ސަރުކާރުން އިންސާނީ ވަޞީލަތް އިތުރުކުރުމާއި، އުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން އެދާއިރާ ތަރައްޤީކުރުމަށް އިސްކަންދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން މިހާރުވެސް 400 މިލިއަން ރުފިޔާއަށްވުރެ ގިނަ ޞިއްޙީ ދާއިރާގެ މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގެ ހޮސްޕިޓާތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަށްވާ މަސައްކަތްޕުޅު ތަކަށްވެސް މިއަދުގެ ބަސްދީގަތުމުގައި އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މިއަދުގެ ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ ޚިދުމަތް ހޯދަން، ބޮޑު ތަކުލީފެއް އުފުލާފައި، ރާއްޖޭން ބޭރަށް ދިވެހި ރައްޔިތުން ދާދިއުން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ. އަދި މާލެސިޓީގެ ހޮސްޕިޓާތައްވެސް ފެންވަރު ރަނގަޅު ކުރަމުން ގެންދަވަނީ އެކަން ނިމުމަކަށް ގެނައުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ވިދާޅުވީ، ޞިއްޙަތަށް ކުރެވޭ ހަޤީޤި އިންވެސްޓްމަންޓަކީ ބަލިވުމުގެ ކުރިން ފިޔަވަޅުތައް އެޅުންކަމަށާއި، މި ސަރުކާރުން ޕްރިވެންޓިވް ހެލްތުކެއާއަށް އެހާ ސަމާލުކަންދެނީ އެ ސަބަބާހުރެ ކަމަށެވެ.

އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރާނީ ސިއްޙީ ދާއިރާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށާއި، އަދި އެއީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތުގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމު ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި މިބަދަލުގެ ސަބަބުން ސަރުކާރުގެ އޯވަރހެޑް ކޯސްޓް ކުޑަކުރެވި، އެފިޝަންސީ އިތުރުވެ، ދެފުށް ފެންނަ މިންވަރު އިތުރުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން