އަނިޔާވެފައިވާ ފަލަސްތީނުގެ ކުޑަކުއްޖަކު--
އަނިޔާވެފައިވާ ފަލަސްތީނުގެ ކުޑަކުއްޖަކު--
އިސްރާއީލުން ހުށައަޅާފައިވާ، އެމެރިކާއިން ތާއީދުކުރާކަމަށް ބުނާ ހަނގުރާމަ ހުއްޓާލުމުގެ ޕްރޮޕޯޒަލްގައި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ޔަގީންކަން ނެތްކަމަށް ބުނެ އެހުށައެޅުމަށް ހަމާސް އިން ޖަވާބުދާރީވެއްޖެއެވެ.

މިހުށައެޅުމާ ބެހޭގޮތުން ހޮނިހިރު ދުވަހު އަލްޖަޒީރާ އަށް ދިން އިންޓަވިއުއެްގައި ހަމާސްގެ ފަރާތުން ވާހަކަ ދެއްކި ބަސެމް ނައިމް ބުނީ، އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް މެދުވެރިކޮށް ހުށައެޅި ހަނގުރާމަ ހުއްޓާލުމުގެ އެޕްރޮޕޯޒަލް އަށް މުޅިން ތާއީދު ނުކުރި ނަމަވެސް ޕޮޒިޓިވްކޮށް ޖަވާބުދާރީ ވެފައިވާނެކަމަށެވެ. އަދި އެ ހުށައެޅުމަކީ މީގެ ހަފްތާއެއްކުރިން ސްޓީވް ވިޓްކޮފް އާއެކު މަޝްވަރާކޮށް އެއްބަސްވި ޕްރޮޕޯޒަލް އާއި ތަފާތު ޕްރޮޕޯޒަލްއެއް ކަމަށް ބަސެމް ނައީމް ހާމަކޮށްފައިވެއެވެ.

"މީގެ އެއް ހަފްތާ ކުރިން މިސްޓަރ ވިޓްކޮފް އާއެކު އެއްބަސްވިން ވަކި ޕްރޮޕޯޒަލްއެއް ގަބޫލުކުރަން. އެ ޕްރޮޕޯޒަލްއަށް ބުނިން، އެއީ ބަލައިގަނެވޭނެ ހުށައެޅުމެއްކަމާއި، އެއަށް ތާއީދުކުރާކަން ހާމަކުރިން،" ނައިމް ފާހަގަކުރިއެވެ. "ދެން އޭނާ ދިޔައީ އިދިކޮޅު މީހުން، އިސްރާއީލުގެ ބަހެއް ހޯދަން. ނަމަވެސް އޭރު އެއްބަސްވި ހުށަހެޅުމަށް ޖަވާބެއް ލިބުމުގެ ބަދަލުގައި އޭނާ ގެނައީ މުޅިން އާ ޕްރޮޕޯޒަލެއް... މިއީ އެއްބަސްވި ކަންކަމާ ގުޅުމެއް ނެތް ޕްރޮޕޯޒަލެއް."

ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހަމާސްއިން ނެރުނު ބަޔާނެއްގައި ހަނގުރާމަ ހުއްޓާލުމުގެ ހުށައެޅުމަށް ޖަވާބުދާރީ ވުމުގެ ގޮތުން ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާގެ ސަރަހައްދުން އިސްރާއީލު ސިފައިން ބޭލުމާއި، ޣައްޒާ ސަރަހައްދަށް ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމާސް އިން ހުށައަޅާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިއެއްބަސްވުމުގެ ދަށުން ރަހީނުކޮށްފައި ތިބި މީހުންގެ ތެރެއިން 10 ދިރިހުރި އިސްރާއީލު ސިފައިންނާއި، މަރުވެފައި 18 އިސްރާއީލު ރައްޔިތުންގެ ހަށިގަނޑު ގެ ބަދަލުގައި، ރަހީނުކޮށްފައިވާ ޣައްޒާގެ ރައްޔިތުންގެ ވަކިނއަދަދެއްގެ ބަޔަކު ދޫކޮށްލުމަށްވެސް ހަމާސް އިން ހުށައަޅާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޯފް ވަނީ ހަމާސްގެ ޖަވާބަށް ދެކޮޅު ހަދައި، އެއީ މުޅިން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަނީ ވީހާވެސް އަވަހަކަށް މަޝްވަރާބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ދެފަރާތުން އެއްބަސްވާން މުހިންމުކަމަށް ބުނެފައެވެ.

ހްނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހަމާސްއިންވި ޖަވާބުދާރީއަށް ރައްދުދެއްވައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިޓްކޮފްގެ ވާހަކަފުޅު ތަކުރާރުކޮށް ހަމާސްގެ ޖަވާބަކީ ބަލައިގަނެވޭނެ ޖަވާބެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ހަމާސްްއާ ދެކޮޅަށް އިސްރާއީލުން އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދާނެކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާއަށް މިހާރު ކުރަމުންދާ ހަމަލާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ 54،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އިސްރާއީލުގެ ހުރަސްތަކާއެކު އިންސާނީ އެހީ އަށް ހުރަސްއަޅައި މުޅި ޣައްޒާގައި ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ކަމަށް އިންސާނީ އިދާރާތަކުން އިންޒާރު ދެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން